ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ 2ގެ އޮންނަ އިރު މަތިގެއަށް ވެސް ލާންވީ ލިޔަން ކިޔަން ނޭނގޭ "އަފިހުންގެ ބޯތަކެއް" ތޯ މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) އައްސަވާ ސުވާލު ކުރައްވައިފިއެވެ.
އިބްރާ އެހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ އިތުރުން މަތިގެ އެއްވެސް އޮންނަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް ލިޔަން ކިޔަން ރަނގަޅަށް ދަންނަ 80 މީހުން މަޖިލީހަށް ލާން ނުލިބިގެން އުޅޭ އިރު މަތިގެއަށް ވެސް ކިޔަވައިގެން ތިބި މީހުން ނުލިބޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އެހެން ކަމުން މަތިގެއަށް ވެސް ލާން ވީ "އަފިހުން ބޯ" ތަކެއްތޯ އިބްރާ ވަނީ ސުވާލު ކުރައްވާފައެވެ.
އިބްރާ އިތުރަށް ވިދާޅުވީ މިހާރު އޮތް 87 މެންބަރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންނަށްވެސް "ކަމުގެ އިލްމު ރަނގަޅަށް" ލިބިފައި ހުންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެ ކަން އިތުރަށް ސާބިތު ކޮށްދެއްވުމަށް އިބްރާ ވިދާޅުވީ، މިހާރުގެ މަޖިލީހުގެ ތެރެއިން ކެބިނެޓްގެ މަގާމެއް އަދާކުރެވޭ ވަރުގެ 20 މެންބަރުން ވެސް ނެތް ކަމަށެވެ.
މިމަހު 21 ވަނަ ދުވަހު ފެށި ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނެކެވެ. އެ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އެޕެޓިޝަން ކަންތަކުގައި އިސްކޮށް އުޅުއްވާ މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ރާއްޖެއަށް ބޭނުން ވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ވޯޓުން މިހާރު ގެނެސްފައި އޮތް ނިޒާމުގައި އެ މަގްސަދު ހާސިލުނުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށާ އަދި ސަރުކާރަށް ރައްޔިތުން ފެންނަނީ ވޯޓުލާ ދުވަސް ޖެހުމުން ކަމަށް ވާއިރު އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލު ކުރުމަކީ އެމްޑީޕީން އަބަދުވެސް ދެކޭ ގޮތް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި މިކުރާ ވެރިކަމަކީ ރައްޔިތުންނާ ދުރު ނިޒާމެއް ކަމަށް ބޮންޑޭ ފާހަގަ ކުރެއްވިއެވެ.
އެ މަސައްކަތުގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޕެޓިޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ޓާގެޓަކީ 100،000 ސޮއި ހަމަކުރުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕެޓިޝަން ރައީސަށް ފޮނުވާނެ ކަމަށެވެ.
ބޮވެންވާނެ ބޯންވާނެ މަތިގޭކުދިންވެސް ވަރަށްސާފް އިނގޭތޯ