ދައުލަތުން އުޅެނީ ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފު ހައްގަށް ހުރަސްއަޅަން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު އިއްވި ޖަލު ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް، އެމަނިކުފާނު ދެއްކުމަށް އަމުރުކުރި ފަސް މިލިއަން ޑޮލަރު އެއްފަހަރާ ދެއްކުމަށް އަމުރު ނެރުމަށް އެދި އޭޖީއިން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
އެޓާނީ ޖެނެރަލް (އޭޖީ) މިއަދު ނެރުނު ބަޔާނެއްގައި ބުނީއެ މުއްދަތުގެ ތެރޭގައި ޔާމީން ފައިސާ ދައްކާފައިނުވާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާ ގުޅޭ ބައި ތަންފީޒު ކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ޔާމީނަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުށެވެ.
މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް އަދި ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް "އޮއްބާލުމުގެ ބޭނުމުގައި ދެބޯގެރި ދުއްވުމުގެ" ގޮތުން ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުން ކޮށްގެން ހިންގާ ފިނޑި އަމަލެއް ކަމަށް ވަކީލުން ތުހުމަތު ކުރައްވައެވެ.
އަދި، ބަންޑާރަނައިބުގެ އެ ނިންމެވުމަކީ ގާނޫނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވުރެ ޔާމީންއާ ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ ވިޔާނުދާ އަދި އެކަމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމުގައިވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ.
ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވައި އެ ހުކުމް ތަންފީޒު ކުރަމުން ދާއިރު އެމަނިކުފާނު މިހާރު ހުންނެވީ ގޭ ބަންދުގައެވެ.