ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް އަޅަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން މިތަކެތި ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި އެ ކުންފުނިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަދިޔާ ކުރި ތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ އެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ.

އެ ކުންފުނިން ބުނީ އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭން އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ލައިސެންސް ނަގާ މީހުންނަށް ދަތިތަކާ ދިމާވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ހުޅުވާ ޓްރެކާ އެކު އެ މީހުންނަށް ފަސޭހަވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ކުރިއަށް އޮތްތާނގައި ވެސް ރައްޔިތުންނަށް ފައިދާވާނެ މިފަދަ ޕްރޮޖެކްޓުތަކަށް އެމްޑަބްލިއުއެސްސީން އެހީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.