ޖިންސީ ކުށުގެ ދައުވާގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ހުރި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ގައުމުގައި ހައްޔަރުކޮށްފިއެވެ.
އަލީ ވަހީދު ހައްޔަރު ކޮށްފައި ވާއިރު އޭނާ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު ބާއްވާނެ ކަމަށް އޮތީ އިއުލާން ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މީޑިއާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އިނގިރޭސިވިލާތުގެ ފުލުހުންނެވެ.
އަލީ ވަހީދު ހައްޔަރުކޮށްފައި ވާއިރު ދާދިފަހުން ފުލުހުން ބުނެފައި ވަނީ އޭނާ ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫކޭގެ ފުލުހުން ގުޅިގެން ކުރަންޖެހޭ ކަންކަންވެސް ކުރަމުން ދާކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ތާވަލުކޮށް ކުރިޔަށް ގެންދިޔަ އިރު އެ އަޑުއެހުމަށް ވަޑައިގެންފައި ނުވާތީ އަލީވަހީދުގެ މައްޗަށް ވަނީ ކޯޓުގެ ހުރުމަތް ކަނޑައިފައި ވުމުން 2 މަހާ 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފައެވެ.
މިއަދު އަލީ ވަހީދު ހައްޔަރު ކުރި އިރު މާދަމާ އަށް ވަނީ އޭނާގެ ޝަރީއަތް ތާވަލު ކޮށްފައެވެ.