ސަރުކާރުގެ ކޯލިަންގައި ހިމެނޭ އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަތޮޅު ތެރޭގައި ހިންގާ ހަރަކާތްތައް އިތުރުކުރަން އަމާޒު ހިފައިފިއެވެ.

އެ ޕާޓީ އިން ރޭ ބޭއްވި 143 ވަނަ ކައުންސިލް ބައްދަލުވުމުގައި ރިޔާސަތުން ވަނީ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފެށުމަށް ނިންމާފައެވެ.

ވޭތުވެދިޔަ 1 އަހަރަކީ ޖޭޕީގެ ހަރަކާތްތައް ވަރަށް މަދު އަހަރެކެވެ. އެގޮތުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް އަދި އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދާކަމުގެ މައުލޫމާތެއް ވެސް ވޭތުވެދިޔަ އަހަރު ތެރޭގައި ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރޭ ބޭއްވި އެ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ލީޑަރުގެ އިތުރުން ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި ޖޭޕީގެ 29 ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަންނަވާފައި ވެއެވެ.

މި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ސުލޫކީ ކޮމިޓީއާއި އިސްތިއުނާފް ކޮމިޓީގައި ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިންތިހާބް ވަނީ ބާއްވާފައެވެ. މި ދެ ކޮމިޓީގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާ ކަމަށް ޖޭޕީން ބުނެއެވެ.

އަދި އިދާރީ މޭޒުން ފާހަގަކުރި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމިޓީއެއް ވެސް ވަނީ އެ ބައްދަލުވުމުގައި އުފައްދާފައެވެ. މީގެއިތުރުން ކައުންސިލް 15 މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަގާމަށް މެންބަރުން ހޮވުމަށް ވެސް ރޭގެ ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ.

ޖޭޕީގެ ހަރަކާތްތައް މަދުވެފައިވާ ދަނޑިވަޅުގައި އެ ޕާޓީގައި ތިއްބެވި މެންބަރުން ކޮޅެއް ވަކިވެވަޑައިގެން ވަނީ އާ ޕާޓީއެއް އުފައްދަވާފައެވެ.