އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިކަން މަހުލޫފް ވަނީ ޓްވިޓާ މެދުވެރިކޮށް ދާދި ދެންމެއަކު ހާމަ ކުރައްވާފައެވެ.
މަހުލޫފު މި މައްސަލަ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީއާއި އެމްޑީޕީގައި އޮންނަ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހެޅުމުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް މިއަދު ވަނީ ވިދާޅުވެފައެވެ.
މަހުލޫފަށް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވެފައި ވާކަމަށް ތުހުމަތުކޮށް ދައުވާކުރަން ފޮނުވުމާ ގުޅިގެންނެވެ. މި މައްސަލައިގައި މަހުލޫފުގެ ތަހުގީގު ގޯސްކަމަށް ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަންނަށް ވެސް ސިޓީއަކުން މިއަދު ވަނީ އަންގާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހްލޫފް ކުރިމަތިލެއްވި އިރު، ހިޔާނާތާއި މަރުގެ މައްސަލަތަކުގެ ތުހުމަތުވާ މީހުނަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުގެ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އެންމެ 30 ދުވަހަށް ވެފައި ވާއިރު މި މައްސަލަ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާކަން މަހުލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މެއި 29 ގައެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލައާ ގުޅިގެން އިންތިހާބު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.
މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.