ސެޕްޓެމްބަރު، 2013 ގައި މާލޭގެ ގެއަކުން ބަޑި އާއި ގޮވާތަކެތި އުފައްދަން ބޭނުންކުރާ ތަކެތި ފެނުނު މައްސަލައިގައި ދައުވާ ލިބުނު މީހުންގެ ގޭގައި ހުރި ތަކެތީގެ ތެރޭގައި މައިންއާއި ޝޯޓަގަން އާއި ފިސްތޯލައާއި ވަޒަން ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހު ހަތިޔާރު ފެނުނު މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ދެމީހެއްގެ މައްޗަށެވެ. އެއީ ލ. ގަން، ހިމާޔަތް/ މޫސާ ޔޫސުފާއި، ދަފްތަރު ނަމްބަރު 7102، ހަސަން ނަސީމުގެ މައްޗަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފުލުހުންގެ ފަރާތުން ހުށަހެޅި ހެކިބަސް ދައުލަތުގެ ވަކީލުން ވަނީ ކިޔައިދީފައެވެ. އެ ހެކިބަހުގައިވާ ގޮތުން، ހަސަން ނަސީމްގެ ގެ އާއި އޭނާގެ ވޯކްޝޯޕް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ބަލާ ފާސްކުރީ އެ ގެ ކަމަށާއި އެ ގެއިން އެންމެ ފުރަތަމަ ފެނުނީ އަލަމާރިއެއްގެ ތެރޭގައި ލައްގާފައި ހުރި ޝޮޓްގަން އެއް ފަދަ ބަޑިއެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އިތުރު ބަޑިތަކެއް އެގޭގައި ހުރި ފޮއްޓަކުންނާއި ތިޖޫރީއަކުންނާއި ރެކަކުން އަދި އޭނާ މަސައްކަތް ކުރި ވޯކްޝޮޕުން ވެސް ވަނީ ފެނިފައި ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު އޭގޭގައި ހުރި ތިޖޫރީއެއްގެ ތެރެއިން އެއް ފިސްތޯލައަށް ވުރެ ގިނަ ފިސްތޯލު ފެނިފައިވާ ކަމަށާއި އަމިއްލައަށް ހަޑަފައިވާ ވަޒަންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އަލިފާން ފޮށީގެ އިލޮށިތަކުން ނަގާފައިވާ ބަޑިބޭސް އަޅާފައި ހުރި ފުޅިއަކާއި ކަރަންޓު ސާމާނުތަކަކާއި ނަރުތަކެއް ގުޅާފައި ހުރި މައިނެއް ފަދަ ގޮވާ އެއްޗެއް ވެސް އެގެއިން ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ ތެރެއިން ފޮއްޓަކުންނާއި ރެކަކުން ފެނުނު ބަޑިއަކީ އަމިއްލައަށް ހަދާފައިވާ ބަޑިއެއް ކަމަށާއި އެގެއިން ބަޑި ހަދަން ކަފާފައި ހުރި ހޮޅިތަކާއި ބަޑީގެ ޑިޒައިންކުރަން ތައްޔާރުކޮށްފައިވާ ބްލޫ ޕްރިންޓްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އިލޮށިން ބަޑިބޭސް ނަގާފައި ހުރި 14 އަލިފާން ފޮށި އެތަނުން ފެނުނު ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ވަޒަން ތައްޔާރު ކުރަން ކަފާފައިވާ ހޮޅިތަކެއް ފެނުނު ކަމަށާއި އެއީ ތިޖޫރީ ތެރެއިން ފެނުނު ވަޒަންތަކާ ދާދި އެއް ވައްތަރު ހޮޅިތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ހަސަން ނަސީމް މަސައްކަތް ކުރާ ވޯކްޝޮޕް ފުލުހުން ބަލައި ފާސްކުރި އިރު ބަޑިތަކެްް ފެނުނުކަމަށް ބުނެފައިވާ އިރު ހަސަން ނަސީމް ބުނެފައި ވަނީ އެއީ ސައިކަލު ދޮންނަން ބޭނުން ކުރާ ބަޑިތަކެއް ކަމަށެވެ. ހަސަން ނަސީމް މާލޭގައި ދިރިއުޅޭ ގޭގެ އިތުރުން ލ. ގަމުގައި ހަސަން ނަސީމް ދިރިއުޅުނު ގެއާއި އޭނާގެ ހަގު އަނބި ލ. މާވަށުގައި ދިރިއުޅޭގެ ވެސް ފުލުހުން ބަލައި ފާސްކޮށްފައި ވެއެވެ. ލ. ގަމުގައި ހުރި ގެއިން ހަތިޔާރެއް ފެނިފައެއް ނުވެއެވެ ނަމަވެސް ލ. މާވަށުގައި ހުރި ގެއެއްގެ ކޮމްޕިއުޓަރުން ބަޑި ހަދާނެ ގޮތުގެ ކުރެހުމެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ތަހުގީގަށް ހަސަން ނަސީމްގެ ދަރިފުޅާއި ދޮންދަރިއަށް އޭނާ ބަޑި ދިން ކަމަށް އެ ކުދިން ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކަމާ އޭނާގެ ހަގު އަނބި އަނބި ރުޅި އައިސްގެން އެ ބަޑި ކުނި ގޮނޑަށް އެއްލާލީ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަސަން ނަސީމް ތައްޔާރު ކުރި ހަތިޔާރުތައް ފުލުހުން ވަނީ ދޫނިދޫގައި ޓޭސްޓުކޮށްފައި ކަމަށާއި އެ ހަތިޔާރު ޓެސްޓު ކުރި އިރު ވަޒަން ދަތުރު ކުރި ވެލޯސިޓީ ނުވަތަ ބާރުމިނަކީ ސިކުންތަކު 180 މީޓަރު ކަމަށް ސިފައިންގެ މާހިރު ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވެއެވެ. އަދި އެއް ފިލާ ފަހަތުގައި އެެހެން ފިލައެއް ބަހައްޓައިގެން 25-20 މީޓަރު ދުރުން އެ ބަޑި ޖަހާފައިވާ އިރު ބޯމިނުގައި ހަ މިލިމީޓަރު ހުންނަ ފިލާ ފޫއަޅުވާލާފައި ވަޒަން ދިޔަ ކަމަށް ވެސް ސިފައިންގެ އެކްސް÷ާޓާ ހަވާލާ ދީ ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އގެއިން ހޯދި ބޮން އޮތީ ފުރިހަމަ ނުކޮށް ކަމަށް ފުލުހުންގެ ހެކި ބަހުގައި ވެއެވެ. ސިފައިންގެ މާހިރަކާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެ ބޮން ފުރިހަމަކޮށްފައި އޮތް ނަމަ އެ ބޮމަކީ ވެސް ފައިން އެރުމުން ގޮވާ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ.

މިއަދު ޝަރީއަތުގައި ހަސަން ނަސީމާއި މޫސާ ޔޫސުފް ބުނެފައި ވަނީ އެ މީހުންނަށް ދީފައިވާ ލިޔުންތައް ސާފު ނުވާ ކަމަށާއި އަދި ލިޔުންތައް ދައްކައި އޭގައި ހުރި ފޮޓޯތަކުން ވެސް އެއްޗެހި ވަކިކުރަން ނޭނގޭ ކަމަށެވެ. އަދި ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށާއި ދައުލަތުން ވަކީލެއް ހަމަޖައްސައި އެދޭ ކަމަށް އެމީހުން ބުނެފައި ވެއެވެ.

އެހެންކަމުން ޝަރީއަތުން މިއަދު ނިންމީ އެމީހުންނަށް އަލުން އެ ލިޔުންތައް 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދިނުމަށެވެ. އަދި އެ ދެ މީހުންނަށް ވަކީލުން ހަމަޖައްސަން ޝަރީއަތުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. ވަކީލުން ހަމަޖެހުމުން ހުލާސާ ބަޔާނާއި ހުކުމް ކުރުމުގެ އަޑުއެހުން ތާވަލު ކުރާނެ ކަމަށް ވަނީ މިއަދުގެ ޝަރިއަތުގައި ނިންމާފައެވެ.

މި މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކުރިން ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލިއެވެ. ނަމަވެސް އަލުން މައްސަލަ ބެލަން ފެށީ، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައި އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމުންނެވެ.