ފެނަކަ ކޯޕަރޭޝަންގެ ވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ވަޒީފާއިން ވަކިކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން ގދ.އަތޮޅަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅުގެ ފަރެސްމާތޮޑާއަށް ޕީޕީއެމްގެ ލީޑަރުންގެ ޓީމެއް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ފެނަކައިގެ މުވައްޒަފުންތަކެކެވެ.
މި ދަތުރުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ނައިބު ރައީސް އަަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެދަތުރުގެ ތެރެއިން ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު ބަނދަރަށް ސަލާންކޮށްލަން ދިޔަ ކަމަށްޓަކައި އެރަށު އެތައް ޒުވާނެއް ފެނަކައިން ވަޒީފާއިން ވަކިކޮށްފި ކަމަށް ވިދާޅުވެފައެވެ.
ޝިޔާމް ބައެއް ނޫސްތަކަށް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން އެބޭފުޅުން އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް 10 ޒުވާނުންނަށް ގޭގައި މަޑު ކުރަން ފެނަކައިން އެންގި ކަމަށެވެ.
ނަމަވެސް ތިން މުވައްޒަފަކު ފަހުން ވަޒީފާއަށް ނެރުނު ނަމަވެސް ބަނދަރު ސަރަހައްދަށް ދިޔަ ހަތް ޒުވާނުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނީ ސިޔާސީ އެއްވެސް މަގުސަދެއް ހާސިލްކުރުމަށް ފެނަކައިގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ މަޝްރޫއެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތް ކުރަމުން ދިޔަ 4 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ މަސައްކަތުގެ އަހުލާގާއި ކުރަން ހަވާލުކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫން ކަމަށް ފެންނާތީ ކަމަށެވެ.