ކޮވިޑާ ގުޅިގެން ގދ. ގައްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ގައްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ނެގި ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެންނެގި ކޮންޓްރެކްޓް ޓްރޭސްކޮސް އިތުރު ސާމްޕަލްތަކެއްް ޕޮޒިޓިވްވުމުންނެވެ.

މި ކަމާއި ގުޅިގެން ގައްދޫގައި ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބަނދަރު ސަރަހައްދު މޮނީޓަރުކުރުމާއި، ފިހާރަތަކުން ޑެލިވަރީ ދިނުމުގެ މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ.

މިވަގުތު ގައްދޫގައި ކޮވިޑަށް ޕޮޒިޓިވް ބަލިމީހުންގެ ގޮތުގައި ތިބީ ޖުމްލަ 8 މީހުންނެވެ. މިއީ ގައްދޫ މޮނިޓަރިންއަށް ލީ ދެ ވަނަ ފަހަަރެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގަައި އޮތީ 17 ރަށެކެވެ.

އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އާދިއްތަ ދުވަހު ފުވައްމުލަކު ސިޓީއެވެ. މިމަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތީ 12 ރަށެކެވެ. އެއީ އއ. ހިމާންދޫ، ހދ. މަކުނުދޫ ، އދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ ، މ.މަޑުއްވަރީ، ކ.ގާފަރު އާއި ފުވައްމުލަކު ސިޓީ އަދި ގދ. ގައްދޫއެވެ.

މި ލިސްޓުގައި ދެން އޮތީ 5 ރަށެކެވެ. އެ ރަށްރަށުގެ ތެރެއިން 4 ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. އެއީ ކ. ކާށިދޫއާއި، ށ. ފީވަކާއި، ހއ. ތަކަންދޫއާއި، ދ. ކުޑަހުވަދޫއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.