ޓެރަރިސްޓް ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުން ރައްކާތެރި މަންޒިލްތަކަށް މީހުން ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ އިވަކުއޭޝަން އޮޕަރޭޝަންގެ ތެރެއިން އުދުއްސާލި ފްލައިޓެއްގެ ތެރޭގައި މީހަކު ވިހައިފިއެވެ.

ޔޫއެސް އެއާ މޮބިލިޓީ ކޮމާންޑުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ އަންހެން މީހާގެ ބަނޑުގައި ރިއްސަން ފެށީ، ޖަރުމަނުވިލާތުގެ ރެމްސްޓީން އެއާ ބޭސްއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓް ތެރޭގައި ކަމަށެވެ. އަދި ބޯޓު ޖެއްސުމާއެކު، ސިއްހީ ހިދުމަތްތެރިން އެ ބޯޓަށް އަރާ، އެ އަންހެން މީހާ ވިއްސާފައި ވާ ކަމަށާ، އަންހެން މީހާ ވިއްސާފައި ވަނީ ބޯޓުގެ ކާގޯ ކޮމްޕާޓްމަންޓް ތެރޭގައި ކަމަށްވެސް ޔޫއެސް އެއާ މޮބިލިޓީ ކޮމާންޑުން ހާމަކޮށްފައި ވެއެވެ.

ދެމައިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާ، އެ ދެމައިންނަށް ފަރުވާ ދެމުން އަންނަނީ ބޯޓު ޖެއްސި ސަރަހައްދާ ކައިރި ހިސާބެއްގައި ހުރި ސިއްހީ ފެސިލޓީއެއްގައި ކަމަށް ހަބަރު ލިބެއެވެ.

ދަތުރު މަތީގައި އަންހެން މީހާގެ ހާލު ކޮންމެވެވެސް ވަރަކަށް ނުތަނަވަސްވި ކަމަށާ، ނަމަވެސް ބޯޓު އުދުހެމުން ދިޔަ އުސްމިން ތަންކޮޅެއް ތިރިކޮށް ބޯޓުގެ ޕްރެޝަރަށް ބަދަލު ގެނައުމުން، އަންހެން މީހާގެ ހާލު ސްޓޭޞަލް ވި ކަމަށް ޔޫއެސް އެއާ މޮބިލިޓީ ކޮމާންޑުން މައުލޫމާތު ދެއެވެ.

ތޯލިބާނުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުން މީހުން ބޭލުމުގެ މަސައްކަތުގައި އެމެރިކާއިން ހަރަކާތްތެރި ދައުރެއް އަދާ ކުރަމުން ދާއިރު، މިހާރުވެސް 17000 އެއްހާ މީހުން ބާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.