ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ގޮވާލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ވަނީ ފަށާފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނަވާ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ބާރު އެޅުމުގެ ގޮތުން އެމްޑީޕީގެ ތެރެއިން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އެއްވެސް މެމްބަރަކު ސޮއި ނުކުރަން އެ ކޯލިޝަނުން ގޮވާލައިފައިވާ ދަނޑިވަޅެއްގައެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން ހިންގަވަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އިދިކޮޅުގެ ތާއީދު ނެތް ކަމަށެވެ. އަދި އެއީ ކުރިން ވެސް، މިހާރު ވެސް އެ ކޯލިޝަނުން ދެކޭ ގޮތް ކަމަށެވެ.
މިއަދު ހެނދުނު ރައީސް ނަޝީދު ވިދާޅުވީ، ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ތާއީދު ކުރައްވާނީ ބަރުލަމާނީ ފިކުރުގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.
އިއްޔެ ފެށި އެ ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނަކަށް ވާއިރު، ނަޝީދު ވަނީ ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ ކުރިން އެތައް ހަފްލާއެއްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުވާ ކަމަށާއި އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވާގޮތުގައި ދިވެހިރާއްޖޭގެ ހިންގުން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެންވެސް އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ.