އެމްޑީޕީ ގައުމީ މަޖިލީހުގައި ތާއީދު ކުރައްވާނީ ބަރުލަމާނީ ކެންޑިޑޭޓުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެގައި ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއިދު ކުރާ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީގެ ނަޝީދު ފެކްޝަނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިއްޔެ ފެށި އެ ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނަކަށް ވާއިރު، ނަޝީދު ވަނީ ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް އެދިވަޑައިގެންފައެވެ.

މީގެ ކުރިން އެތައް ހަފްލާއެއްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުވާ ކަމަށާއި އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވާގޮތުގައި ދިވެހިރާއްޖޭގެ ހިންގުން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެންވެސް އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ.