ހައްދު ފަހަނަ އަޅާފައި ވާ، ޓެރަރިސްޓް ޖަމާއަތް އައިސިސްއިން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް ހަމަލާ ދީފާނެ ކަމުގެ ބިރު ބޮޑުވުމާއެކު، ކާބުލް އެއާޕޯޓަށް ދަތުރު ކުރުމާ ދެކޮޅަށް، އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އިންޒާރު ކޮށްފިއެވެ.

އެމެރިކާއިން އާންމު ކުރި އިންޒާރުގައި ބުނެފައި ވަނީ ދޮރޯށިތަކުގެ ބޭރުގައި ސަލާމަތީ ގޮތުން ނުރައްކާތަކެއްގެ ފުރުސަތު އެބަ އޮތް ކަމަށާ، އެމެރިކާގެ ރައްޔިތުން އެއާޕޯޓާ ދުރުގައި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެއާޕޯޓަށް ދަތުރު ކުރާނީ، އެ ދަތުރު ކުރުމަށް، އެމެރިކާގެ ސަރުކާރުގެ މަންދޫބަކު އިރުޝާދު ދީފައި ވާ ފަރުދުން އެކަނި ކަމަށްވެސް އެ އިންޒާރުގައި ވެއެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލުން ވިދާޅުވީ މަސްރަހަށް އަންނަ ބަދަލުތައް ބަލަމުން އަންނަ ކަމަށާ، އިތުރު ރޫޓުތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށެވެ.

އައިސިސްގެ ހަމަލާގެ ނުރައްކަލާ ބެހޭ އިތުރު ތަފްސީލެއް އެމެރިކާއިން ދީފައެއް ނުވެއެވެ. އަދި ކާބުލް އެއާޕޯޓަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިޝާރާތެއް ނުވަތަ އިންޒާރެއް، އައިސިސްއިންވެސް، އާންމުކޮށް، ދީފައެއް ނުވެއެވެ.

އެމެރިކާއިން މިފަދަ އިންޒާރެއް އާންމު ކޮށްފައި މިވަނީ، އަފްގާނިސްތާނު ދޫކޮށް، ރައްކާތެރި މަންޒިލްތަކަށް ދަތުރު ކުރުމަށް އެދިގެން އެއާޕޯޓަށް އެތައް ހާސް ބަޔަކު، ޖަމާވެ، ފިތިބާރުވުމުގެ ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މި ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލުނު ކަމަށްވެސް ހަބަރު ލިބެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ހަބަރު ދޭ ގޮތުގައި އަފްގާނިސްތާނުން 17000 މީހަކު މިހާތަނަށް ފުރުވާލާފައި ވާއިރު، އޭގެ ތެރޭގައި އެމެރިކާގެ 2500 ރައްޔިތުން ހިމެނޭ ކަމަށެވެ.

އެމެރިކާއިން ވަނީ އޯގަސްޓް 31 ވަނަ ދުވަހަކީ، އެ ގައުމުގެ ފައުޖުތައް އަފްގާނިސްތާނުން ފައިބާނެ ސުންގަޑި ކަމުގައި ކަނޑައަޅާފައެވެ. ނަމަވެސް އެމެރިކާގެ ފައުޖުތައް ފައިބާނީ، އެމެރިކާގެ އެންމެ ފަހު ރައްޔިތު މީހާވެސް އަފްގާނިސްތާނުން ބޭލުމަށް ފަހުގައި ކަމަށާ، ސުންގަޑި ހަމަވިއަސް އެކަން ކުރައްވާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.