ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރި ހަތަރު މީހުންނަށް ވަކީލުން ހަމަޖެއްސުމަށް ފުރުސަތެއް ދީފިއެވެ.
އެ މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާއިރު މިހާތަނަކަށް ދައުވާ ކޮށްފައި ވަނީ ހަތަރު މީހަކަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.
އެމައްސަލާގެ އަޑުއެހުމެއް އިއްޔެ ބާއްވާފައިވާއިރު އެ މައްސަލާގައި ދައުވާކުރި ތިން މީހުންކަމުގައިވާ މުޖާޒާއި ތަހުމީނާއި އަދުހަމު ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރު ވަނީ ދަމަހައްޓާފައެވެ. އަދި ހައިޝަމް 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކޯޓުން ނިންމި ނަމަވެސް އިއްޔެގެ އަޑުއެހުމުގައި ވަނީ އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައެވެ.
އިއްޔެ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާއިރު ކޯޓުން ވަނީ އަދުހަމް އަދި ހައިޝަމް މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެ ދެމީހުންނަށް ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތު ދީފައެވެ.
އޭގެ އިތުރުން އިއްޔެ ގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ މުޖާޒް އަދި ތަހްމީނުގެ ފަރާތުން އެ ދެމީހުންގެ ވަކީލުން، އެ މައްސަލާގައި ގިނަ ލިޔެކިޔުންތައް ހިމެނޭތީ އެ ލިޔުންތައް ދިރާސާ ކުރުމަށް ފުރުސަތަކަށް އެދިފައިވާތީ އެ ފުރުސަތު ދީފައެވެ.
އަދި އެ މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ ވަކީލުން ހަމަޖައްސާ، ލިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހުގައި ކަމަށް ޝަރީއަތުން ވަނީ އިއުލާނުކޮށްފައެވެ.
ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާއެވެ. މުޖާޒް އަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާއެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ވެއެވެ. ހައިޝަމަކީ ވެސް ބޮން ހަރު ކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެއެވެ.