ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލާ، ރަޢީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަންގައި ވިހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ވީހާވެސް ގިނަ ބޭފުޅުން ސޮއި ކޮށްދެއްވުން ވަރަށް އެދެން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެޕެޓިޝަންގައި ސޮއިކުރުން މިއަދު ހަވީރު 04:00 ގައި މާލޭގައި ހުންނަ ތޫމް ރެސްޓޯރަންޓުގައި ފަށާފައި ވާއިރު ޕެޓިޝަން ކަންތަކުގައި އިސްކޮށް އުޅުއްވަނީ މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

ބޮންޑޭ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވައުދުވެފައިވާ ކަމަށެވެ. އަދި މި ޕެޓިޝަނަކީ އެ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއް ކަމަށް އޭނާ ވިދާޅުވެއެވެ.

މިއަދު ފެށި ޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނަކަށް ވާއިރު، މީގެ ކުރިން އެތައް ހަފްލާއެއްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށާއި އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވާގޮތުގައި ދިވެހިރާއްޖޭގެ ހިންގުން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހެއެވެ. އަދި އަންނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.