ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރި ހަތަރު މީހުންގެ ބަންދު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

އެ މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާއިރު މިހާތަނަކަށް ދައުވާ ކޮށްފައި ވަނީ ހަތަރު މީހަކަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

އެ މައްސަލާގައި ދައުވާކުރި ތިން މީހުންކަމުގައިވާ މުޖާޒާއި ތަހުމީނާއި އަދުހަމު ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ޖުލައި މަހުގެ 21 ވަނަ ދުވަހުގައެވެ. މިއަދު އޮތީ އެ މީހުންގެ ބަންދު މުރާޖައާ ކުރުމުގެ ބައި ކަމަށް ވާއިރު، އެ މުރާޖައާ އަށް ފަހު ވަނީ ބަންދު ދަންމާލައިފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައިޝަމުގެ ބަންދަށް އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް މިއަދު އޭނާ ހާޒިރުކޮށްފައި ވާއިރު ކޯޓުން ނިންމާފައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.

ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާއެވެ. މުޖާޒް އަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާއެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ވެއެވެ. ހައިޝަމަކީ ވެސް ބޮން ހަރު ކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލައިފައެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތަކުން ފަރުވާ ހޯއްދަވަން އޭޑިކޭގައި ހަފުތާއެއްހާ ދުވަހު އޮންނެވިއެވެ. ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވިއެވެ.