ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕް ރީފަންޑް ކޮށްދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

މީރާއިން މިގޮތަށް ނިންމާފައިވަނީ ޖުލައިމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވެވި އެކި ލިޔުން ތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމާ ގުޅިގެންނެވެ. އަދި މީރާއިން ރީފަންޑް ދިނުމަށް ނިންމާފައިވަނީ އެ އޮތޯރިޓީން ވިއްކާފައި ހުރި ސްޓޭމްޕް ތަކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕް ތަކަށެވެ.

ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރުމަށް ބޭނުންވާ ފަރާތްތަކުން "ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށް ފަހު ހުށަހަޅަން ޖެހެނީ ފޯމުގައިވާ ލިޔެކިޔުންތަކާއެކު މީރާގެ ޓެކްސްޕެޔާ ސާވިސް ޗެންޓަރަށް ނުވަތަ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެ އޮތޯރިޓީގެ އޮފީހަކަށެވެ.

އަދި ރެވެނިއު ސްޓޭމްޕް ރީފަންޑް ކޮށްދިނުމަށް މީރާއިން ކަނޑައަޅާފައިވާ މުއްދަތަކީ ނޮވެމްބަރު 15، 2021 ކަމުން، މިދުވަހުގެ ކުރިން ރިފަންޑަށް އެދެން ބޭނުންވާ ފަރާތްތަކުން ރީފަންޑަށް އެދުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

50 އަހަރަށް ފަހު ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައިވާއިރު އެކަމަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރެވެނިއު ސްޓޭމްޕް ޖަހަން ފަށާފައިވަނީ 1970 ވަނަ އަހަރު ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލާފައިވަނީ އެކަމުން ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށް ބުނެއެވެ.