މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 7 ލައްކަ ފަހަނައަޅައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 705،024 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިމަހުގެތެރޭގައި ރާއްޖެއަށް 92،657 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މި އަދަދަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 149,530 ބޮޑު އަދަދެކެވެ. މިދިޔަ އަހަރު އޮގަސްޓް މަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 4،618 އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 1 ވަނަ ދުވަހާ ހަމައަށް 38،187 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 555،494 އެވެ.

މިއަހަރުގެ 8 ވަނަ މަސް ނިމިގެންދާއިރު 7 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން މިވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ޓުއަރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެއެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާޗު މަހުއެވެ. މާޗު މަސް ނިމުނު އިރު ރާއްޖެއަށް 109،585 ފަތުރުވެރިން އައިސްފައިވާއިރު ޖުލައި މަސް ނިމުނުއިރު ރާއްޖެއަށް 101،818 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުއެވެ. ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖެއަށް 96،882 ފަތުރުވެރިން އައިސްފައިވާއިރު ޖެނުއަރީމަސް ނިމުނުއިރު ރާއްޖެއަށް 92،103 ފަތުރުވެރިން އައިސްފައި ވެއެވެ.

އެހެން މަސްމަހާ އަޅާ ބަލާއިރު މިއަހަރުގެ ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ ތަންކޮޅެއް ދަށުގައެވެ. ޖޫން މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 56،166 ފަތުރުވެރިންނެވެ. އަދި މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 56166 ފަތުރުވެރިންނެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.