ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑު ބަލައިގަންނަ ގައުމުތަކެއް އެބަ ހުރި ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާލުވީ، ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑުން، ކާޑު ދޫކުރި ގައުމު އެނގެން ނެތުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާތައް ދައުރުވަމުން ދިއުމާ ގުޅިގެންނެވެ. ފައިސަލް ވިދާޅުވީ، ރާއްޖެއިން ދޫކުރާ ކޮވިޑް ވެކްސިން ކާޑު ބަލައިގަންނަ ވަރަށް ގިނަ ގައުމުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގަައުމުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.
ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބެލުމަށް ފަހު ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލު ކުރާ އުސޫލުތައް ތަފާތެވެ. އެ އުސޫލު ތަފާތުވަނީ އެ ގައުމެއްގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަމަލުކުރަން އަންގާ އުސޫލުތައް ތަފާތުވުމުން ކަމަށް ފައިސަލް ވިދާޅުވިއެވެ. ހާލަތު ތަފާތުވާ އިރު އެ އުސޫލުތައްވެސް ތަފާތުވާނެ ކަމަށް ފައިސަލް ވިދާލުވެފައި ވެއެވެ.
އަދި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޭރަށް ދަތުރު ކުރާ ފަރާތްތަކުގެ ކޮވިޑް ވެކްސިން ކާޑު ބަލައިނުގަންނަ ފަދަ ހާލަތްތަކުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް ފައިސަލް ވިދާލުވިއެވެ. މިސާލެއްގެ ގޮތުގައި ފައިސަލް ވަނީ ހައްޖަށް ދާ ފަރާތްތަކުގެ ކޮވިޑް ވެކްސިން ކާޑު ބަލައިނުގަންނަ ނަމަ ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ދޫކުރާ ވެކްސިން ކާޑުގައި ކާޑު ދޫކުރި ގައުމު ލިޔެފައި ނޯވެއެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ބަޔަކު ހިއްސާ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބައޯމެޑިކަލް ސައިންޓިސްޓް އަދި ޑޮކްޓަރެއް ކަމަށްވާ އިބްރާހިމް މުސްތަފާ ވިދާޅުވީ ކޮވިޑް ދިފާއު ވެކްސިން ކާޑާއެކު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އޮފީހަކަށް ވަނުމަށް އޭނާއަށް ވެސް ދަތިތަކެއް ކުރިމަތިވެވަޑައިގަތް ކަމަށެވެ.
ރާއްޖެއިން ދޫކުރާ ކޮވިޑް-19 ވެކްސިން ކާޑުގައި ހިމެނެނީ ވެކްސިން ޖެހި މީހާގެ އައިޑީކާޑު ނަމްބަރާއި، ނަމާއި، އުފަންދުވަހުގެ ތާރީހުގެ އިތުރުން ދިރިއުޅޭ އެޑްރެހުގެ މައުލޫމާތެވެ. އަދި ޖެހި ވެކްސިންގެ ނަމާއި މައުލޫމާތުގެ އިތުރުން ވެކްސިން ޖަހައިދިން ފަރާތުގެ ނަމަވެ. ކާޑުގެ އެއްވެސް ތަނެއްގައި ކާޑު ދޫކުރީ ރާއްޖެއިންކަން އެނގޭކަށް ނެތެވެ.