ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނީ ތ. ވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ވަންދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއާ، މިސްކިތުގެ މަޝްރޫއު އަދި ފެނަކައިގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ކުރިޔަށް ދާކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ވަންދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކޮށްފައެވެ.

އެގޮތުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާކަމަށާ، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ބޭނުންވާ ކަމަށާ، ފުޓްސަލް ދަނޑު އަދި އައުޓްޑޯ ޖިމް ފަދަ ކުޅިވަރު އިންފްރާސްޓްރަކްޗާ ބޭނުންވާކަން ހިމެނެއެވެ. އަދި ކައުންސިލް އިދާރާ ހިންގާ އިމާރާތް ބާވެފައިވުމުން އާ އިމާރާތެއް ބޭނުންވާކަމަށާ، ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށާ ފުލުހުންގެ ހިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްގީއަށާ އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސްއާ ހިއްސާ ކޮށްފައެވެ. އެގޮތުން އަންހެނުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ވަސީލަތްތަކާ އެފަދަ ވަސީލަތްތައް ގާއިމުކުރުމަށް ޖާގަ ނެތްކަން ފާހަގަ ކުރިއެވެ. އަދި، އެ ކޮމިޓީގެ މެންބަރުންނަށް މިހާރު ދޭ މުސާރައާ އިނާޔަތްތައް ކުޑަކަން ފާހަގަ ކުރިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަންދޫގައި ކުރިޔަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މިސްކިތުގެ މަސައްކަތް ޓެންޑާ އިވޭލުއޭޝަން މަރުހަލާގައި ކުރިޔަށްދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ހިދުމަތް ލިބޭނެގޮތް މަގުފަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުންވެސް ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް ދެ ގުނަޔަށް އިތުރުކުރުމަށް ނިންމާފައި ވާކަން ހާމަ ކުރައްވާފައެވެ.

ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދާ ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.