މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ދައުވާ ކުރާ އުމުރުން 27 އަހަރުގެ ފިރިހެން މީހާ، ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް 100 އަހަރުގެ ހުކުމެއް އައިސްދާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި ޒިހާންއާއި 17 އަހަރުގެ ކުއްޖާއަށް ދައުވާ ކުރަން ކޯޓަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. މި މައްސަލައިގައި ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ކުރެވެން އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ފަސް ދައުވާ، މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން، ގްރޫމްކުރުން، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ޒިހާން ހައްޔަރު ކުރީ ގެސްޓްހައުސް އެއްގައި ހުއްޓައި ފުލުހުން އެތަނަށް ވަދެއެވެ.