ތ. ވިލުފުށީގައި އިމާރާތް ކުރާ ހައުސިން ޔުނިޓުތައް ނިންމަން އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ. އަމީން އަށް ހަވާލުކޮށްފައި ވާ މަސައްކަތަކީ ވިލިފުށީގައި އިމާރާތް ކުރަމުން ދާ 64 ހައުސިން ޔުނިޓް ނިންމުމާއި ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އަލަށް އިމާރާތްކުރާ 36 ހައުސިން ޔުނިޓްގެ މަސައްކަތެވެ.

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 82,138,268.57 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ތ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގައި ކުރިއަށްދާ މަޝްރޫތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާއި ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެ އަތޮޅުގެ ރަށްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ކޮޅުމަޑުލުގެ 7 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލްތަކުން ރަށްތައް ތަރައްގީކުރުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.