ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމުގައި ތިއްބަވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައެއް މެންބަރުން ބުނެފިއެވެ.

ދާދި ފަހުން ސަރުކާރުން ވަނީ އެ ރެކޮމަންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތައް ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮންކޮން ރެކޮމަންޑޭޝަންތައް ކަމެއް ހާމައެއް ނުކުރެއެވެ. އަދި އެކަމާއި ސުވާލު ކުރުމުން އެކަން ހާމަ ކުރެވެން ނެތް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ރޭ ބުނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އިންވެސް އެ މައުލޫމާތު ނުދެއްވާ ކަމަށެވެ. އަދި ބައެއް ރެކޮމަންޑޭޝަންތަކަށް އަމަލު ކުރެވޭނީ 2023 ގެ ފަހުން ކަމަށް އެ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ މިނިސްޓަރު އިމްރާނާއި މިނިސްޓަރު މާރިޔާ މަގާމުގައި ތިއްބެވުމަކީ ރެކޮމަންޑޭޝަންތައް ތަންފީޒު ކުރަން އޮތް ހުރަހެއް ކަމަށެވެ. އެ ދެ މިނިސްޓަރުން އެކަހެރި ކޮށްގެން ނަމަވެސް އެކަން ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު އެ މަގާމުގައި ތިއްބަަވައިގެންނެއް ރެކޮމަންޑޭޝަންތައް ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ. އެހެން ކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ ބޭފުޅުން އެކަހެރިކޮށްގެން ވެސް މި ރެކޮމެންޑޭޝަންތައް ރަނގަޅަށް ތަންފީޒުކޮށް މި ދިވެހިރާއްޖެއަކީ ހަރުކަށި ފިކުރުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް މިކުރާ މަސައްކަތް ކުރުމަށްޓަކައި މުޅި ދައުލަތުގެ ސިފައެއްގައި މިކަމަށް އެއްބާރުލުން ދެއްވުން،"
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން

އަދި 2023 ގެ ފަހުން ރެކޮމަންޑޭޝަންތައް ތަންފީޒު ކުރަން ތިބެވެން ނެތް ކަމަށް ޝިޔާން ވިދާޅުވިއެވެ. ޝިޔާން ވިދާޅުވީ 2023 ގެ އިންތިހާބަށް ރައްޔިތުން ކައިރިއަށް އެ ޕާޓީން ދާން ޖެހޭ ކަމަށާ އޭގެ ކުރީން ރާއްޖެ ހަރުކަށި ފިކުރުން ސަލާމަތް ކުރަން ފިޔަވަޅު އަޅުވަން ޖެހޭ ކަމަށެވެ. އެކަންކަން ނުކުރެއްވުމަށް ބަހަނާ ނުދެއްކެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތައް ކަމަށް ސަރުކާރުން ވިދާޅުވާއިރު އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް ސާފުކޮށް ނުދިނުމަކީ ސުވާލު އުފެދޭ ކަމެކެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން 271 ސަފުހާގެ އެ ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަ ކޮށްފައި ވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރެކޮމަންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައި ވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރެކޮމަންޑޭޝަން ތަކެވެ. އެ ބައިގައި 29 ހުށަހެޅުމެއް ވެއެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމަންޑޭޝަންތައް ހުރިއިރު އެ ބައިގައި ހަ ހުށަހެޅުމެއްވެއެވެ. ތިންވަނަ ބައިގައި ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރެކޮމަންޑޭޝަންތަކެވެ. އެ ބައިގައި 10 ހުށަހެޅުމެކެވެ.

އަދި މިނިސްޓަރު އިމްރާން މަގާމުގައި ހުންނެވުމަކީ އެ ކަންކަން ތަންފީޒު ކުރެއްވުމަށް އޮތް ހުރަހެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ ހައެއް ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައި ވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވަނީ އޮގަސްޓް 12 ވަނަ ދުވަހުއެވެ.