ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމުގެ މަސައްކަތް މިއަދު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ފެށުނީ ޓެރަރިޒަމާ ގުޅޭ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާ އެކު ކަމަށާއި އަދި އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮޮތް ތަނުގައި ކުރަމުންދާނެ ކަމަށް މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ކަމާބެހޭ އިދާރާތަކުގެ ހިއްސާކުރުމާ ބެހޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހޭނެއެވެ. ނަމަވެސް އެ އޮނިގަނޑު މިހާތަނަށް އޮތީ އެކުލަވާނުލައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ނެރުނު އިންކުއަރީ ރިޕޯޓުގައި ވެސް އެ މައްސަލަ ފާހަގަ ކޮށްފައިވެއެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމާ ގުޅުންހުުރި އިންޓެލިޖެންސް މައުލޫމާތުތައް ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް ހިނގައިފި ނަމަ އެ މައުލޫމާތު ހިއްސާ ނުކުރި ފަރާތެއް ކުށްވެރިވާނެއެވެ.
ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ބަލަނީ އެމްއެންޑީއެފް އާއި ފުލުހުންނާއި ކަސްޓަމްސާއި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އެވެ.