ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ބައްދަލު ކުރައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެެރިޔާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި ޔޫއެންޖީއޭގެ ރައީސް އާ ބައްދަލުވުމުން ވަރަށް އުފާފުޅުވި ކަމަށެވެ.

އަދި މިއީ އެމަނިކުފަނަށް ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ ވަޒީރަކާ ބައްދަލުވި ފުރަތަމަ ފަހަރު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ޝާހިދު އާ ބައްދަލު ކުރައްވާ ނެންގެވި ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން އޭޑިކޭގައި ހަފުތާއެއްހާ ދުވަހު އޮންނެވުމަށް ފަހު ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވިއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަންޑު ކޮށް ރޭވި މީހުން ނުހޯދޭތީ ރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުން ދާތީ ނަޝީދުގެ ޗުއްޓީ އިތުރުކޮށްދޭން މަޖިލީހުގެ އިދާރާގައި ވަނީ އެދިވަޑައިގެންފައެވެ.