ކޮވިޑުން ރައްކާތެރިވުމަށް އަޅަފައިވާ ފިޔަވަލުތަކަށް ލުއިދެމުން އަންނަ މި ދަނޑިވަޅުގައި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، ހުޅުވައިގެން ހިދުމަތް ދެވޭ ވަގުތު މެންދަމު 1 ޖެހުމާ ހަމައަށް އިތުރު ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ، ފަތިހު 4:00 އިން މެންދަމު 1:00 އާ ދެމެދުގައި ކަމަށެވެ.
ކެފޭ ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތް ދެވޭ ގަޑިތައް މިހާރު އިތުރުކޮށްފައި ވާއިރު މީގެ ކުރިން ކެފޭ ރެސްޓޯރަންޓް ހުޅުވާފައި ބެހެއްތެނީ ދަންވަރު 12 ޖަހަން ދެނެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ މިދިޔަ މެއި މަހު ކާފިއު ހިންގަން ފެށުމާއެކު ކެފޭ ރެސްޓޯރަންޓް ފަދަ ވިޔަފާރިތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތި ލާން ޖެހިފައެވެ. ރެސްޓޯރަންޓްތައް ބަންދު ކުރި ނަމަވެސް ސަރުކާރުން ވަނީ އެތަންތަނުން ޑެލިވަރީގެ ހިދުމަތް ދީގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބި އެތައް ވިޔަފާރިތަކެއް ވަނީ އެ ދުވަސްވަރު ބަނގުރޫތުވެފައި ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
ކޮވިޑްގެ ސަބަބުން އެތައް ވިޔަފާރިއަކަށް ގެއްލުން ވުމާ އެކު ސަރުކާރުން ވަނީ ކޮވިޑް ރިލީފް ފަންޑުގެ ދަށުން 900 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ލޯން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް ވަނީ ދޫކޮށްފައެވެ.އަދި އެސްޑީއެފްސީ މެދުވެރިކޮށް ކޮވިޑް ރިލީފް ލޯނު ގެ ގޮތުގައި 360 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ދޫކޮށްފައެވެ.
މީގެ ތެރޭގައި ކެފޭ ރެސްޓޯރަންޓް ތަކަށް ވެސް ވަނީ މި ލޯނު ދޫކޮށްފައެވެ. އެގޮތުން 161 ކެފޭ ރެސްޓޯރަންޓަކަށް 49 މިލިއަން ރުފިޔާގެ ލޯނު ކޮވިޑުން އަރައިގަތުމަށް ދޫކޮށްފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްތަރު ފައްޔާޒް ވަނީ ވިދާޅުވެފައެވެ.