1443 ވަނަ އަހަރުގެ އާޝޫރާ ދުވަހަކީ އޮގަސްޓް ދުވަހުގެ 18 ވާ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ 1443 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް ކަމުގައި ރާއްޖެއިން ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަސް ކަމުން އާޝޫރާ ދުވަހަކީ އޮގަސްޓް މަހުގެ 18 ވާ ބުދަ ދުވަސް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ހިޖުރީ އާހަރު ފެށި ދުވަސް އެކި ގައުމުތަކުގައި ތަފާތުވެ އެކަމުގައި ސުވާލުތަކެއް އުފެދިފައިވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަހަރު ފެށުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިނަމަވެސް އަމަލުކުރަންވާނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި އަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.

ކޮންމެ ހިޖުރީ އަހަރެއްގެވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ އާޝޫރާ ދުވަހެވެ. އަދި އާޝޫރާ ދުވަހާ އާޝޫރާ ދުވަހުގެ ކުރިން ނުވަތަ ފަހުން ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ.

މިނިސްޓްރީން ވަނީ 1433 ވަނަ އަހަރުގެ އާޝޫރާ ދުވަހު ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައެވެ.

އާޝޫރާ ދުވަހު މުސްލިމުން ރޯދަ ހިފަނީ އެކަން ކުރުމަށް މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީސްފުޅު ކުރައްވާފައިވާތީއެވެ. އަދި އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ޞަހާބީންނަށް އާޝޫރާ ދުވަހު ރޯދަ ހިއްޕެވުމަށް އަމުރުފުޅު ކުރައްވާފައެވެ.

މި ދުވަސް މުސްލިމުންނަށް ހާއްސަވަގެންދަނީ މި ދުވަހަކީ މޫސާގެފާނަށް ފިރުއައުނުގެ މައްޗަށް ނަސްރު ލިބިވަޑައިގަތް ދުވަސް ކަމަށް ވާތީއެވެ. އެހެންކަމުން އާޝޫރާ ދުވަހު ރޯދަހިފަން ގަސްދުކުރާ މީހާ އޮގަސްޓްމަހުގެ 17 އަދި 18 ނުވަތަ 18 އަދި 19 ވަނަ ދުވަހު ރޯދަހިފަން ޖެހެއެވެ.