ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝަހީދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހީމެވެ.

މި މަޝްރޫއުގެ ދަށުން 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި، ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 3511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުން ހިމެނެއެވެ.

އޭގެ އިތުރުން 460.29 އަކަ މީޓަރުގެ ސަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާ، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިދިޔަ ޖުލައި މަސް ތެރޭގައި ފެށިގެން މިހާރުވެސް ކުރިއަށްދާ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.