ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު ގެނައި ބަދަލާ އެއްގޮތަށް އަދިވެސް މާލޭ ސަރަހައްދުގެ ގޭތަކުން ކުނި ނެރެން ޖެހޭނީ މަގުމައްޗަށް ކަމަށް ކުނި އުކައި ދިނުމުގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެމްކޯގެ އެމްޑީ މިހެން ވިދާޅުވި އިރު އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ވެސް ވަނީ މިހެން ބުނެފައެވެ. ވެމްކޯއިން މިހެން ބުނެފައި ވަނީ މާފަންނުގެ މީހުންނާއެކު މާލޭ ސިޓީ ކައުންސިލުން އިއްޔެ ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މުއިއްޒު ވިދާޅުވެފައި ވަނީ، މާލޭގެ ގޭބިސީތަކުން އުކާލާ ކުނި މި މަހުގެ 21 އިން ފެށިގެން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކުނި ނަގާ ގޮތަށް ކަމަށެވެ.
މި މައުލޫމާތު ދޮގުކޮށް ވެމްކޯއިން ނެރުނު ބަޔާނުގައި ބުނީ، އަދިވެސް އެ ކޯޕަރޭޝަނުން އަމަލު ކުރަމުން ދަނީ ރާއްޖެއިން ކޮވިޑް ބަލި ފެނުމާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކުނި ނެގުމުގައި އަމަލު ކުރަން ނިންމި އުސޫލާ އެއްގޮތަށް ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ އެމްޑީ ވިދާޅުވީ، މިހާރުވެސް މާލެ ސަރަހައްދުގައި ކުނި ނަގަމުން ދާނީ ކުރިއެކޭ އެއްގޮތަށް ކަމަށެވެ. ގޭބިސީތަކުން ކުނި ނެރެފައި ބަހައްޓަން ޖެހޭނީ އެގެއެއްގެ ދޮރާށި ކައިރީ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދައިން ވެމްކޯއިން ބަޔާން ނެރެ މައުލޫމާތު ހިއްސާ ކުރީ މުއިއްޒު ދެއްކެވި ވާހަކައަކާ ގުޅިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ކޮވިޑް ހާލަތު ބަދަލުވަމުން އަންނާތީ ވެމްކޯއިން އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެނައުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި އެ ފަރާތްތަކުން އަންގާ ގޮތުގެ މަތިން އުސޫލުތަކަށް ބަދަލު ގެންނާނެ ކަމަށް އާދަމް ވިދާޅުވިއެވެ.
ބައެއް ނޫސްތަކުގައި ވެމްކޯއިން ކުނި ނަގާ އުސޫލު ބަދަލުވެއްޖެ ކަމަށް ބުނެ ލިޔެފައި ވާތީ މި ވަގުތު ވެމްކޯގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރުން ތިބީ އޮޅުމެއްގައި ކަމަށް އާދަމް ފާހަގަ ކުރެއްވިއެވެ. މާލެ ސިޓީގެ ކުނި ނެގުމުގެ ކަންކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ކޮމިޓީއަކުން ވާހަކަ ދައްކާފައިވާ ކަމަށް އާދަމް ވިދާޅުވިއެވެ. އެގޮތުން އެޗްޕީއޭ އާއި ސަރުކާރުން އަންގާ ގޮތަކަށް އެ ކޯޕަރޭޝަނުން އަމަލު ކުރަމުން ދާނެ ކަމަށް ކައުންސިލުގައި ބުނެފައިވާނެ ކަމަށް އާދަމް ވިދާޅުވިއެވެ.
މާލޭގެ މަގުތަކަށް ކުނި ނެރެން ފެށި އިރު، ދަތިތަކެއް ހުރިކަން އޭރުވެސް ފާހަގަ ކުރެވުނު ކަމަށް އާދަމް ވިދާޅުވިއެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި މަގުތަކަށް ކުނިތައް ނެރެން ޖެހުމަކީ އެތައް ބަޔަކަށް ދަތިކަމަކަށް ވާނެ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް އާދަމް ވިދާޅުވިއެވެ. ސްކޫލަށް ދާ ކުދިންނާއި އޮފީސްތަކަށް ދާ މީހުން މަގުތަކަށް ނުކުމެ އުޅޭ ވަގުތުތަކުގައި ކުނި ނެރެފައި ބަހައްޓާ ނަމަ ހިނގާބިނގާވެ އުޅެން ދަތިވާނެ ކަމެއް ކަމުން އެ ކަމަށް ވެސް ހައްލެއް ގެނައި ކަން އާދަމް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ރޭގަނޑު ވަގުތު ކުނި ނަގަން ހަމަޖެއްސި ކަމަށް އާދަމް ވިދާޅުވިއެވެ.
މާލެ ސަރަހއްދުގައި މިހާރު ކުނި އުކުމުގެ ކަންކަން ކުރިއަށް ގެންދަނީ 7 ޒޯނަކަށް ބަހާލައިގެންނެވެ. 7 ޒޯނަކަށް ބަހާލައިގެން ކުނި ނަގާއިރު އެ ޒޯން ތަކުގެ ތެރޭގައި ވެސް ސަބް ޒޯންތަކެއް ކަނޑައަޅައި ވީހާވެސް އަވަހަކަށް ކުނި ނެގުމުގެ ކަންކަން ނިންމާ ލުމަށް މަސައްކަތް ކުރާ ކަަމަށް އާދަމް ވިދާޅުވިއެވެ.
އަމާޒަކީ އާންމުންނަށް ވީ އެންމެ ރަނގަޅަކަށް މި ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެންނަން ނިންމުމާ އެކު ޕަބްލިކަށް އެކަން ހިއްސާ ކުރައްވާނެ ކަމަށް އާދަމް ވިދާލުވިއެވެ. އެހެންކަމުން އަދިވެސް ކުރިއެކޭ އެއްގޮތަށް މަގުތަކަށް ކުނި ނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.
ކޮބާތަ އިތުރައްނަގާ 50 ރުފިޔާ ކޮންމެ އެޕާޓްމަންޓަކުން އަދިވެސް އަހަރުމެންދޯ ކުނިބާލަންވީ