ރ. މަޑުއްވަރީ މަސްޖިދުލް އަމާނާގެ މުދިމް މުހައްމަދު މައުޖޫދު ވަޒީފާއިން ވަކި ކުރުމުން އޭނާގެ ދިފާއުގައި ކައުންސިލުން ތެދުވެއްޖެއެވެ.
މަޑުއްވަރީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި އެރަށުގައި ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ކުރިއަށް ދިޔަ އިރު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މައުޖޫދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި މައުޖޫދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުޑަކުދިންތަކެއް ލައްވާ ބަންގި ގޮވާ ނަމާދުކުރުވައި އެކުދިންނަށް ނަސޭހަތް ދީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި ކަމަށް ކައުންސިލުން ބުނެއެވެ.
އެހެން ނަމަވެސް ހައްޔަރުކުރިތާ 2 މަސް ފަހުން ޝަރުތުތަކަކާއެކު މައުޖޫދު ބަންދުން ދޫކޮށްލާފައިވާ ކަމަށާ ބަންދު ކުރި ދުވަސްތަކުގެ މުސާރައާއެކު ވަޒީފާއަށް ވެސް ނެރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމަށް ކައުންސިލުން ބުނެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށް ދައުލަތުން ކުރި ދައުވާއަކީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތުހުމަތު ނޫން ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ މައުޖޫދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދައުވާ ކަމަށެވެ.
މައުޖޫދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނެއްގެ ދަށުން އެ ގާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަހުގީގަކުން މުވައްޒަފަކު ކުށެއް ކޮށްފައި ވާކަން ސާބިތު ވުންކަމަށް ޗިޓުގައި ވެއެވެ. އެހެން ނަމަވެސް މި މައްސަލައަކީ މިހާރުވެސް ޝަރީއަތުގައި ހިނގާ މައްސަލައެއް ކަމަށާ މައުޖޫދުއާ ދެކޮޅަށް ޝަރީއަތުގައި އެއްވެސް ކަމެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާކަން މިހާތަނަށް ކައުންސިލަށް އެނގިފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
ކައުންސިލުން ބުނީ މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީން އޭނާ ވަޒީފާއިން ވަކިކުރުމުގެ އިސްލާހީ ފިޔަވަޅު އެޅުމަށް ނިންމިކަން އަންގާފައި ވާކަމަށެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓް މަހު މައުޖޫދު މި މައްސަލައިގައި ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާ އެ މުއްދަތުގެ ތެރޭގައި މައުޖޫދު ވަނީ ވަރަށް ތަފްސީލުކޮށް ކަންހިނގައިދިޔަ ގޮތް ބަޔާންކޮށް މިނިސްޓްރީއަށް ޖަވާބު ދީފައި ކަމުގައި ކައުންސިލުން ބުނެއެވެ.
އަދި ބަންދުން ދޫކޮށްލިފަހުން އަދި ބަންދު ކުރުމުގެ ކުރިން ވެސް މައުޖޫދުގެ ކިބައިން މިނިސްޓްރީން ފާހަގަކުރި އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށާ ރަށުގައި ބަންގިގޮވާ ނަމާދުކުރާނެ މީހަކު ނެތިދިޔަ ދަނޑިވަޅުގައި އެކަމާ ހަވާލުވެގެން މަސައްކަތް ކުރަން ފެށި ފަރާތެއް ކަން މިނިސްޓްރީއަށް އަންގާފައި ވާކަމަށް ކައުންސިލުން ބުނެއެވެ. މީގެއިތުރުން ރަށުގައި މަރުވާމީހުންގެ ކަށުކަމާކެމީގެ މަސައްކަތާއި ހުކުރު ނަމާދު ޖެހިޖެހިގެން ކުރަން ޖެހުނު ކަމުގައި ވިޔަސް އެއްވެސް ޝަކުވާއެއް ނެތި އެކަން ކޮށްދީފައި ވާކަން ވެސް ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
ކައުްސިލުން ބުނީ ދީނީ ހަރުކަށި މީހުންނަކީ އާންމުކޮށް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާ، ހުކުރު ނަމާދުގައި ބައިވެރިނުވާ އަދި ކަށުކަމާކެމީގެ ކަންކަމުގައި ވެސް ބައިވެރިނުވާ ބައެއް ކަމަށެވެ. މިއާ ހިލާފަށް މައުޖޫދު ފާހަގަ ކުރެވިފައި ވަނީ މި ކަންކަމުގައި ފުރިހަމަޔަށް ބައިވެރިވާ އަދި ހުކުރު ކުރުމުގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރާ، މިސްކިތުގެ ޖަމާއަތުގައި ބައިވެރިވުމަށް މީހުންނަށް ބާރުއަޅާ މީހެއްގެ ގޮތުގައި ކަމަށް ކައުންސިލުންް ބުނެއެވެ.
އަދި ކައުންސިލުން ފާހަގަކުރި އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއްނެތި މައުޖޫދުއަށް އެއްވެސް ނޯޓިސްއެއް ނުދީ ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ފޮނުވުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކައުންސިލުން ވަނީ މައުޖޫދު އަލުން އަނބުރާ ވަޒީފާ އިއާދަކުރުމަށް ސިވިލް ސާވިސް ކޮމިޝަން އާއި އިސްލާމިކް މިނިސްޓްރީއަށް ގޮވާލާފައެވެ.
މި މައްސަލައިގައި ސީއެސްސީއިންވެސް އަދި މިނިސްޓްރީންވެސް އެއްޗެއް ނުބުނެއެވެ.