ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމަންޑޭޝަން ތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒު ކުރަން ޖެހޭ ކަންކަން ވަނީ ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އެ ރެކޮމަންޑޭޝަން ތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތް ތަކެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް އެންއެސްސީ މެންބަރުންނާ މަޝްވަރާ ކުރައްވާފައި ވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައި ވާއިރު 4 މީހަަކަށް ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްއެވެ. މި 4 މީހުންގެ ތެރެއިން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާއެއް، އަދި ތަހުމީންގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކުރަން ވަނީ ނިންމާފައެވެ.
އަދުހަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ އިތުރުން ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން ހުރުމުގެ ދައުވާއެވެ.
މުޖާޒް ގެ މައްޗަށް ކުރަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީތެރިވުމުގެ ދައުވާއެވެ.
ތަހުމީނުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.
ހައިޝަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.