މި ހިނގާ 2021 ވަނަ އަހަރު ނިމެންދެންވެސް ނިއުޒީލަންޑްގެ ބޯޑަރުތައް އޮންނާނީ ބަންދު ކޮށްފައި ކަމަށް އެ ގައުމުގެ މަގުބޫލު ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

އެޑާން ވިދާޅުވީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ދުރުކޮށް، އިގުތިސޯދު ހުޅުވާލާފައި ބޭއްވުމަށް އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށެވެ.

އެޑާން އިތުރަށް ވިދާޅުވީ، މިވަގުތު އެ ގައުމުން އެންމެ ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރަމުން ގެންދާ ކަމަކީ، 2021 ވަނަ އަހަރު ނިމޭއިރު މުޅި ގައުމުގެ އާބާދީއަށް ކޮވިޑް ވެކްސިން ޖަހާ ނިންމުން ކަމަށެވެ.

ނިއުޒީލަންޑަކީ މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމުގައި، ކޮންޓްރޯލް ހޯދި މަދު ގައުމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ގައުމެކެވެ. 5 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ނިއުޒީލަންޑުން މި ބަލީގައި މަރުވެފައި ވަނީ އެންމެ 26 މީހުންނެވެ.

ނިއުޒީލަންޑާއި ދުނިޔެ އަލުން ގުޅާލުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އެޑާން ވިދާޅުވީ، ގައުމު މުޅިން ހުޅުވާލުމަށް ނިއުޒީލަންޑް އަދި ތައްޔާރު ނޫން ކަމަށެވެ.

ނިއުޒީލަންޑުން ވަނީ ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން، އެންމެ ނުރައްކާ ކުޑަ ގައުމުތަކުން، ވެކްސިން ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް ނިއުޒީލަންޑަށް ދަތުރު ކުރެވޭނެ ފުރުސަތު، 2022 ވަނަ އަހަރު ހުޅުވާލުމަށް ތައްޔާރު ވަމުންނެވެ.