އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު އޮތްކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ނަމަވެސް ހަރުކަށި ފިކުރަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައަކަށް ވާއިރު، ހުރިހާ ދިމާއެއްގައިވެސް އެ ފިކުރު އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެމްޑީޕީގައި ވެސް އެ ވިސްނުމުގެ މަދު ބަޔަކު ތިބެދާނެ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ ތެރޭގައި އެވިދާޅުވާ ގޮތަށް ހަރުކަށި ފިކުރު އޮތް ކަމަކަށް. އެހެނެއްނޫން ރާއްޖޭގައި އެބަ އުޅޭ އެ ފިކުރު. އެމްޑީޕީ ތެރޭގައި ވެސް އެހެންވީމަ އުޅެދާނެ އެހެންނަމަވެސް އެއީ ބޮޑު މެޖޯރިޓީއެއް ނޫން. ޕާޓީގެ ވިސްނުންތަކާ ކުޅެވޭ ވަރުގެ މެޖޯރިޓީއެއް ނޫން އެއީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުު

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު އެމްޑީޕީގެ އެތެރޭގައި ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާ، އެ ފިކުރުގައި ރައީސް ސޯލިހު ތާށިވެފައިވާ ކަމަށް އެ ޕާޓީން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، ހަރުކަށިފިކުރު މީހުން ރާއްޖޭގައި ހަނގުރާމައަށް ތައްޔާރު ވާ ކަމަށާއި އެމްޑީޕީގައިވެސް އެ ވިސްނުމުގެ މީހުން ތިބި ކަމަށެވެ. އަދި އެފަދަ މީހުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައިވެސް ތިބޭ ކަމަށާއި އެކަން އެގްރޫޕުގެ އެޑްމިންއަށް އެނގޭނެ ކަމަށް ވިދާޅުވަމުން އެކަން ބަލާ އެ ގްރޫޕުގައި ތިބި ހަރުކަށި ޖިހާދީ މީހުން ގްރޫޕުން ވަކި ކޮށްދިނުމަށް ވެސް ނަޝީދު އޮތީ އެދިވަޑައިގެންފައެވެ.