2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުު ދެއްވައިފިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރުމަށް ފަސް އަހަރުގެ ދެ ދައުރު ލިބޭ ކަމަށާއި އެ ފުރުސަތު އެމަނިކުފާނަށް ވެސް ބަންދު ނުވާ ކަމަށެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ވެސް އޮތް ކަމަށް ވިދާޅުވިއެވެ.

"އެ ފުރުސަތު އަޅުގަނޑަށް ވެސް ބަންދުވެފައެއް ނެތް" އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ސޯލިހު މިއަދުވެސް ތަކުރާރުކުރެއްވީ ކުރިން ވެސް ވިދާޅުވާ ވާހަކަފުޅެވެ.

އެގޮތުން، ދެވަނަ ދައުރަކާ މެދު ވިސްނުމަށް ވުރެ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރިޔާސީ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަސް ގެއްލިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ތިލަފުށި ބުރިޖުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން ޖެހޭކަމަށެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވެފައި ވާއިރު އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާނު ކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި ނަމަވެސް އޭގެ ކުރިން ބަރުލަމާނީ ނިޒާމު ގެނެވިއްޖެނަމަ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ވެސް ބޭނުންފުޅުވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް 2023 ވަނަ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް ނަޝީދު ގަބޫލެއް ނުކުރައްވައެވެ. ނަޝީދު ވިދާޅުވަނީ ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.