ޓޫރިޒަމް މިނިސްޓަރު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް މިއަދު ހާޒިރުވާން އެންގި އެންގުމަށް އަމަލު ނުކުރުމުން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައި ވަނީ އަލީގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ތާވަލްކޮށްފައި ވަނީ މެންދުރު ފަހު 1:00 އަށެވެ. މިއަދުގެ ޝަރީއަތަށް ވެސް އަލީ ވަހީދު ހާޒިރުވެވަޑައިގެންފައި ނުވެއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްގެން ދިޔަ މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށާއި ކޯޓުތަކުން ވަކިގޮތަކަށް ކަން ކުރަމުން އަންނަ ކަމުގެ އިހުސާސް ރައްޔިތުންގެ ހިތުގައި އުފެދިއްޖެ ނަމަ ކޯޓުތަކާ މެދު ސުވާލު ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިފަދަ ތަސައްވަރު އުފެދޭނަމަ އެކަމަށް އިޖާބަދީ ގާނޫނު އަސާސީ ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް ސައުދޫ ވިދާޅުވިއެވެ.

"އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް،"
ފަނޑިޔާރު ހުސްނުއްސުއޫދު

އަލީ ވަހީދު ކޯޓަށް ހާޒިރުވާން ފޮނުވި އަމުރު އޭނާއަށް ރައްދުވެފައި ވާތީ އާއި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ. އެހެންކަމުން ދެ މަހާ 12 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށް، މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ވަޑައިގެންނެވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފައެވެ.

މި މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލް ކުރީ މިމަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެ އަޑުއެހުން މިއަދަށް ފަސްކުރި އިރުވެސް މިއަދުވެސް އަލީ ވަހީޑު ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.