ޖުލައިމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 624.07 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޖުލައި މަހު ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީ އަށްވުރެ 13 ޕަސަންޓު އިތުރު އަދަދެކެވެ.
ޖުލައި މަހުގެ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ 13 ޕަސަންޓު އިތުރުވެފައިވާ ސަބަބެ އްކަމަށް މީރާއިން ހާމަކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ހިދުމަތުން އަދި މުދަލުން ނަގާ ޓެކްސް އަދި އާމްދަނީ އިން ނަގާ ޓެކްސް އެ އޮޓޯރިޓީން ލަފާކުރި ވަރަށް ވުރެ އިތުރަށް ލިބުމެވެ.
މީރާ އިން އާންމުކޮށްފައިވާ ޖުލައިމަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ 2020 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 6.2 އިންސައްތައިގެ މަދު އަދަދެކެވެ. އަދި ދައުލަތަށް ލިބުނު 624.07 މިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.1 މިލިއަން ޑޮލަރު ކަމަށް ވެސް މީރާއިން އާންމުކުރި ތަފާސް ހިސާބުން ދައްކައެވެ.
2020 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 2021 ވަނަ އަހަރުގެ ޖުލައިމަހުގެ އާމްދަނީ މަދުވެފައިވާ ސަބަބެއްކަމަށް މީރާއިން ބުނެފައިވަނީ ބައެއް ޓެކްސް ތައް ދެއްކުމުގެ ވަގުތު އިތުރުކުރުމެވެ. މީރާއިން ބުނެފައިވާ ގޮތުގައި ޖުލައިމަހު ދައްކަންޖެހޭ ޓެކްސް ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖުލައިމަހު އައި އީދު ބަންދާއި މިނިވަން ދުވަހުގެ ޗުއްޓީ ދިމާވުމުން ކަމަށެވެ.
ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީ:
- ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ – 46.7 ޕަސަންޓު
- ޓޫރިސްޓް ރިޒޯތްތަކުގެ ބިމުގެ ކުލިން ލިބޭ އާމްދަނީ - 17.9 ޕަސަންޓު
- އާމްދަނީއިން ނަގާ ޓެކްސް - 17.6 ޕަސަންޓު
- ގްރީންޓެކްސް – 4.5 ޕަސަންޓު
- ވޯކް ޕާމިޓް: 4.2 ޕަސަންޓު
ޓެކްސް ދެއްކުން ލަސްކުރުމުގެ އިތުރުން 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރުގެ ޖުލައިމަހު ބިމުގެ އާމްދަނީ އިން ނަގާ ޓެކްސް އަދި ހިދުމަތްތަކާ މުދަލުން ނަގާ ޓެކްސް ދައުލަތަށް ދައްކާފައިވާ މިންވަރު މަދުކަމަށް ވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.