ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގުގައި ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން ކަމަށް އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު އައްބާސް ފާއިޒް މިރޭ ވިދާޅުވެއްޖެއެވެ.

އައްބާސް ވިދާޅުވީ ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ފުލުހުން ދެން އަމާޒު ހިފާނީ ހަމަލާއާ ގުޅިފައި ތިބި މީހުންނާއި ހަމަލާ ދިނުމަށް ފައިސާ ހަރަދުކުރި ގޮތް ތަހުގީގު ކުރުމަށް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގް ކުރައްވައި ކުރެއްވި ޓުވީޓެއްގައި އައްބާސް މިހެން ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ބަޔަކު ތިބޭނެ ކަމަށާއި އަދި އެ ބަޔަކު ހޯދަން އާންމުން ގޮވާލައިފައި ވަނިކޮށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފައި ވާއިރު، މި މަހުގެ ތެރޭގައި އެ މީހުންގެ ޝަރީއަތް ފެށޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ އެސެސްމަންޓާ ގުޅޭގޮތުން ރައީސަށް މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު މިދިޔަ މަހު އައްބާސް ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގު މިހާތަނަށް ގެންގޮސްފައި ވަނީ ވަރަށް ފަރުވާތެރިކަމާއެކު ހުރިހާ ދިމާލަކަށް ނަޒަރު ހިންގައި ފުރިހަމަކޮށް ކަމަށެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މެއި 19، 2021 ގައި އައްޔަންކުރެއްވި އައްބާސް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި އެމްޑީޕީގެ މެއި 6 ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކުގައި ޕީޖީން ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ރިޕޯޓެއް ތައްޔާރުކުރަން ޖެހިއްޖެނަމަ އެ ކަން ވެސް އޭނާ ކުރައްވާނެއެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ސީދާ ގުޅުން ހުރި 8 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެއްގެ ވަނަވަރެވެ. އެތަނުން، ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަށް ފިލަން އެހީތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދޫކޮށްލައިފައެވެ.