ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ދިވެއްސަކު މަރުވެއްޖެ ކަމަށް އެ ހަނަގުރާމައިގާ ބައިވެރިވާ ދިވެހިންގެ މައުލޫމާތު ހިއްސާ ކުރާ ޕޭޖަކުން ބުނެފިއެވެ.

"ބިލާދުއް ޝާމް" ގެ ނަމުގައި ހިންގާ ޕޭޖުގައި ކުރި ޕޯސްޓުގައި ވަނީ މަރުވި ދިވެހި މީހާގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އެ ފަރާތުން ބުނީ އޭނާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އިދުލީބުގެ ފްރަންޓްލައިނެއް ދިފާއު ކުރުމުގައި އުޅެނިކޮށް އިދުލީބްގެ ޖަބަލުއް ޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދުގައި ކަމަށެވެ.

ހަނގުރާމަވެރިންގެ މައުލޫމާތު ފަތުރާ މީހުން އޭނާއަށް ދީފައިވާ ނަމަކީ "އަބޫ އަބްދުއްރަހްމާން" ކަމަށާއި އޭނާއަށް "އަބޫ ހަޖަރު" ގެ ނަމުން މުހާތަބު ކުރާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އެމީހާގެ އަސްލު ވަނަވަރު އަދި ސާފުވެފައި ނުވާއިރު އޭނާގެ މަރާ ގުޅިގެން ރަސްމީ އިދާރާއަކުން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއާއަށް ދާ ދިވެހިން ހަނގުރާމަ ކުރުމަށް ގުޅިގެން އުޅެނީ، އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާ ޖަމާއަތާއެވެ.

މަރުވިމީހާ އަކީ ކޮން ރަށެއްގެ ކާކުކަން އަދި ސާފެއް ނުވެ އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ދިޔަ އެތައް ބަޔަކު ހަނގުރާމައިގައި މަރުވެފައިވާ އިރު އެ މީހުންގެ އަނބިދަރިންގެ ތެރެއިން ބައެއް މީހުން އެ ގައުމުގައި ހާލުގައި ޖެހިފައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ބައެއް ދިވެހިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވެފައި ތިބި އިރު އަނެއް ބަޔަކު ބޭޏުން ވަނީ ސީރިއާގައި މަޑު ކުރާށެވެ.