މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް 15، 2021 ގައި ހާއްސަ އިނާމާބެހޭ ކޮމިޓީން ހުޅުވައިލައްވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި އިނާމު މިއަހަރު ވެސް ދިނުމަށް ހަމަޖެހިފައިވަނީ 4 ގިންތިއަކަށް ބަހައިލައިގެންނެވެ.

މީގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް ދޭ އިނާމާއި ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ދޭ އިނާމް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ދޭ އިނާމް ވެސް ހިމެނެއެވެ. އަދި ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ދޭ އިނާމުގެ ގިންތިއެވެ.

މިގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހިމެނޭ ގިންތީގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާ 35 އަހާ ދެމެދުގެ ޒުވާނުންނަށް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި މި އިނާމަށް ނަން ހުށަހަޅާނީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ "ފޯމް ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި އިނާމަށް އެދި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 16، 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 އެވެ.