ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް މިއަހަރު ރާއްޖޭގައި ބާއްވަން ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފްޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވެރިންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މަރުހަބާ ވިދާޅުވެފައި ވަނީ ފްޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއްމް) އާއި ދިވެެހިރާއްޖޭގައި މިއަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ހޯދުމުގައި މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށެވެ.

މިއަދު ބޭއްވި ސާފް ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެއަށް ބިޑް ކާމިޔާބުވެއްޖެކަން ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މުބާރާތް ބާއްވަން ކަނޑައަޅާފައި އޮތް ތާރީހަކީ އޮކްޓޯބަރު 1 އިން 13 އަށް ކަމަށް ވެސް މެމްބަރުން ވަނީ ފާހަގަ ކޮށްފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީއެވެ.

ބަންގްލަދޭޝްގައި މުބާރާތް ބޭއްވޭނެ ގޮތެއް ނުވުމުން މި މަހު 23 ވަނަ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން ހުޅުވާލިއެވެ. އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުންނެވެ.

އެފްއޭއެމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބު ކޮށްފައެވެ.

ރާއްޖޭން އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. ލަންކާގައި އޮތް ފައިނަލް މެޗު އިންޑިއާގެ މައްޗަށް ކުރި ހޯދައިގެން އެ ފަހަރު ތަށި އުފުލައިލީ ދިވެހި ގައުމީ ޓީމުންނެވެ.