ޖުލައި 13، 2021 ވަނަ ދުވަހުން ފެށިގެން ކ. ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، އެ ރަށް މޮނިޓަރިންގައި އޮތްކަން އޮޅުވާލައިގެން ގެސްޓްހައުސްތަކުން ފަތުރުވެރިން ގެންނަކަމުގެ ޝަކުވާއެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ އެ ރަށަށް ދިޔަ ފަތުރުވެރިއެއް ފޭސްބުކްގައި ކުރި ޕޯސްޓަކުންނެވެ. އެ ފަތުރުވެރިޔާ ކުރި ފޭސްބުކް ޕޯސްޓުގައި ވަނީ ފަތުރުވެރިން ތިބޭ ހޮޓަލުން ބޭރަށް ނިކުތުން ކައުންސިލުން މަނާކޮށްފައި ވަނީތޯ އާއި ފިހާރަތަކަށާއި ބީޗަށް ވެސް ދިއުން ކައުންސިލް މަނާކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެތޯ އެ ފަތުރުވެރިޔާ ވަނީ ސުވާލުކޮށްފައެވެ.

ށިދޫ މޮނިޓަރިންގް ގައި އޮންނަތާ މަހެއް ވަނީ، އެރަށަށް ޓޫރިސްޓުން ގެންދަނީ އެރަށް މޮނިޓަރިންގައި އޮތްކަން ޓޫރިސްޓުންނަށް ނާންގާ ކަމަށް ބުނޭ

ފަތުރުވެރިޔާގެ މި ޕޯސްޓަށް މީހަކު ޖަވާބުދެމުން ވަނީ އެ ރަށް މޮނިޓަރިންގައި އޮތް ކަމަށާ މި ގޮތަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ އެންމެންގެ ވެސް ރައްކާތެރިކަމަށް ކަމަށް ބުނެފައެވެ. އަދި ބޭރަށް ގޮސް އުޅެން ބޭނުން ނަމަ މޮނިޓަރިންގައި ނޯންނަ ރަށެއް އިހުތިޔާރު ކުރުމަށް އެ ފަރާތުން ބުނެފައި ވެއެވެ.

އެފަރާތުގެ ކޮމެންޓަށް ޖަވާބުދެމުން ފަތުރުވެރިޔާ ބުނެފައި ވަނީ މި ސުވާލުތައް ހޮޓަލުގެ މުވައްޒަފުންނާ ވެސް ކުރި ކަމަށެވެ. ނަމަވެސް އެކަށީގެންވާ ޖަވާބެއް އެފަރާތުން ދީފައި ނުވާކަން ފަތުރުވެރިޔާ ފާހަގަ ކޮށްފައި ވެއެވެ.

ށިދޫ މޮނިޓަރިންގް ގައި އޮންނަތާ މަހެއް ވަނީ، އެރަށަށް ޓޫރިސްޓުން ގެންދަނީ އެރަށް މޮނިޓަރިންގައި އޮތްކަން ޓޫރިސްޓުންނަށް ނާންގާ ކަމަށް ބުނޭ

މި މައްސަލަ ހިނގާފައިވާ ގޮތާ ގުޅޭގޮތުން ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އަށް ގުޅާލުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފެންމަތިވެފައި ވާ ކަމަށެވެ. އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ފަތުރުވެރިން ގެންނަނީ އެ މައުލޫމާތުތައް ފުރިހަމައަށް ނުދީކަމަށް މީގެ ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން ފަތުރުވެރިން ރަށަށް ގެނައުން މަޑުޖައްސާލުމަށް ޓާސްކް ފޯސް އިން ގެސްޓްހައުސްތަކުގެ ވެރިންގެ ކިބައިން އެދިފައިވާނޭ ކަމަށެވެ. ނަމަވެސް ފަތުރުވެރިން ގެންނަން ކައުންސިލްގެ ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށް ބުނެ މިނިސްޓްރީގެ ހުއްދައިގެ ދަށުން ފަތުރުވެރިން ގެންނަ ކަމަށް ކައުންސިލް ރައީސް ފާހަގަ ކުރެއްވިއެވެ.

ކާށިދޫގެ ޓާސްކް ފޯހުން ބައްދަލުކޮށްފަ ރެކޮމެންޑް ކުރީ މިދުވަސްކޮޅު ފަތުރުވެރިން ނުގެނެސް މަޑުކޮށްލުމަށް. އެހެން ނަމަވެސް ކައުންސިލްގެ ހުއްދައެއް ބޭނުމެއް ނުވާނެއޭ ޓުރިޒަމް މިނިސްޓްރީގެ ހުއްދައިގެ ދަށުން ތިމަންނަމެނަށް ގެނެވޭނެއޭ ކިޔާފަ ގެސްޓްހައުސްތަކުން ގެނައީ
ކާށިދޫ ކައުންސިލް ރައީސް

ކައުންސިލް ރައީސް ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި އޮންނައިރު އާންމު ފަރާތްތަކަށް ހިނގާ ހުރިހާ ރެސްޓްރިކްޝަންތަކެއް ފަތުރުވެރިންގެ މައްޗަށް ވެސް ހިނގާނެކަން ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް އެނގޭނެ ކަމަށެވެ. އަދި ޓޫރިސްޓުން ގެންނަން ޖެހޭނީވެސް މިކަންކަން އެނގި ހުރެ ކަމަށް ވެސް ކައުންސިލް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ޓޫރިސްޓުންނަށް ބޭރަށް ނިކުމެ ނޫޅެވޭނެކަން ތަކުރާރުކޮށް ގެސްޓްހައުސްތަކަށް ހަނދާންކޮށްދީފައި ވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޓޫރިސްޓުން އައި އިރުގަ އެމީހުން އެކްސްޕެކްޓް ކޮށްގެން ތިބީ ފިޝިން ޓްރިޕްތަކާ ރަށުތެރެ ބަލާލަން ނިކުތުމާ ފިހާރަތަކަށް ދިއުމާ، ބީޗަށް ދިއުމާ، މޫދަށް އެރެން ދިއުމާ، މިކަހަލަ ކަންތައްތައް ކުރެވޭނެކަމަށް އެމީހުން ޑިމާންޑް ކުރަމުންދިޔައީ. ގެސްޓްހައުސްތަކުން މިކަމަށް އަޅާނުލާ އިގްނޯކޮށްގެން ތިބެނީ. އެހެންވީމަ ބެލެވޭގޮތުގައި އެވަނީ އޮޅުވައިލެވިފަ ގެސްޓުންނަށް.
ކާށިދޫ ކައުންސިލް ރައީސް

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ފަތުރުވެރިން ކާށިދޫއަށް ގެންނައިރު މި މައުލޫމާތުތައް ފޯރުކޮށް ނުދޭ ކަމަށް މިނިސްޓްރީއަށް ވެސް އަދި ކައުންސިލަށް ވެސް އެނގިފައި ނުވާ ކަމަށެވެ. އަދި އެ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތްކަން ފަތުރުވެރިންނަށް އެނގޭނަމަ ރަށަށް އަންނަން ބޭނުންވާނެ ހެން ވެސް ހީނުވާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.