މާލެ އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ސިޓީ ކައުންސިލްގެ ބާރު ހިންގޭ ގޮތަށް އޮތް ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީ ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދޫކުރި ބިމެއް ސްޓެލްކޯއަށް ނޭނގި މާލޭ ސިޓީ ކައުންސިލުން ހުސްކުރި މައްސަލައާ ގުޅިގެން އެ ކައުންސިލަށް ނޯޓިސްއެއް ފޮނުވާފައެވެ.
މާލޭ ސިޓީ މޭޔާ މުހައްމަދު މުއިއްޒު އަށް އެޑްރެސްކޮށް، ފޮނުވި އެ ނޯޓިސްގައި ބުނީ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމަށެވެ.
އަދި މިނިސްޓްރީން ވަނީ އެބިން އަނބުރާ ސްޓެލްކޯއަށް ދިނުމަށް ވެސް އެދިފައެވެ.
އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯ އަށް ދޫކޮށްފައި ވަނީ ސްޓެލްކޯގެ ބެކްއަޕް ޕަވާޕްލާންޓެއް އެޅުމަށް ބޭރު މަގުގައި ހުންނަ މެރީބްރައުން ރެސްޓޯރަންޓް ކުރިމައްޗަށް ވާގޮތަށް އޮންނަ ހުސް ބިމެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މިދިޔަ ބަންދު ތެރޭގައި އެ ބިން އެއްވެސް އެންގުމަކާ ނުލައި ސިޓީ ކައުންސިލުން ހުސްކޮށްފައިވާ ކަމަށާއި އަދި އެތަނުގައި ޖަހާފައި ހުރި ފެންސުތަކާއި ޓިނުތައް ނަގާ، އެ އެއްޗެހި ބޭނުން ކޮށްގެން އެ ބިމާ ޖެހިގެން އޮތް ބިމުގައި ކައުންސިލުން ފެންސެއް ޖަހާފައި ވާ ކަމަށެވެ.
އެ ބިމަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ބިމެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެތާނގައި ސަބް ސްޓޭޝަނެއްގެ އިތުރުން 10 މެގަވޯލްޓްގެ ބެޓެރީ އެއް ބަހައްޓަން ވިސްނާފައިވާ ކަމަށް ސްޓެލްކޯގެ އޮފިޝަލެއް ވަނީ ވިދާޅުވެފައެވެ.