މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު ކޮށްފައިވާ ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފިއެވެ.
ހައިކޯޓުން މި މައްސަލަ މިއަދު ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޕެސްޓް ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ޕެސްޓްގެ މައްޗަށް 5 ދައުވާއެއް ވަނީ އުފުލާފައެވެ.
އެއީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ޕެސްޓް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޖޫން މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި މި މައްސަލައިގެ އިސްތިއުނާފަށް އެދި ޕެސްޓް ހުށަހެޅުމުން މިއަދު ވަނީ ހައި ކޯޓުގައި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައެވެ.
ހައިކޯޓުގައި މިއަދު މެންދުރުފަހު 14:00 ގައި ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި އެކޯޓުން ވެސް ވަނީ ޕެސްޓް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތާއީދު ކޮށްފައެވެ.
އިތުރަށް ހައިކޯޓުން ތާއީދު ކުރި ހުކުމުގައި ވަނީ ޕެސްޓްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ދައުލަތުން އެދުނުއިރު އެގޮތަށް އެދެނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ކަން ބަޔާކޮށްދީފައި ނުވާ ކަމަށެވެ. އަދި މިކަމަކީ ޕެސްޓްގެ ހައްގު ގެއްލޭ ކަމެއް ކަމަށް ޕެސްޓްގެ ފަރާތުން ބުނެފައިވީ ނަމަވެސް ގެއްލިފައި ވަނީ ކޮން ހައްގެއްކަން ޕެސްޓް އަށް ބުނެދެވިފައި ނުވާ ކަމަށެވެ.
މީގެއިތުރުން ޕެސްޓް ބަންދުކުރުމަށް ދައުލަތުން ހުށަހެޅި ފޯމުގެ ނުބައި ތަނެއްގައި ތައްޖަނޑު ޖަހާފައިވީކަމުގައި ވިޔަސް، އެއީ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރެވޭނެ ސަބަބެއް ނޫން ކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.
ޕެސްޓްގެ މައްޗަށް މި ދައުވާތައް ސަާބިތުވެއްޖެނަމަ 50 އަހަރަށް ވުރެ ދިގު ޖަލުހުކުމެއް އަންނާނެއެވެ.