ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) އިން 2023 ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

ޑީއެންއޭއިން ބުނީ 2023 ގައި ބާއްވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޑީއެންއޭގެ ފަރާތުން ވާދަ ކުރުމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، މިއަދު ބޭއްވި އިންޓަރިމް އެގްޒެކެޓިވް ކައުންސިލު (އެކްސްކޯ) ގެ 20 ވަނަ ބައްދަލުވުމުގެ އިއްތިފާގުން ވަނީ ފާސްކޮށްފައި ކަމަށެވެ.

ޑީއެންއޭއިން 2023 ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމި އިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވާ ޑީއެންއޭ އަކީ 2023 ގެ ކެމްޕޭނު ހަރަކާތެއް ނޫން ކަމަށް އުމަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އުމަރު އެހެން ވިދާޅުވެފައި ވަނީ ޑީއެންއޭ އިފްތިތާހު ކުރުމަށް މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޑީއެންއޭ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވާން ފެށި ހަރަކާތެއް ނޫން ކަމަށެވެ. އަދި އެ ހަރަކާތް އުފައްދަވާފައި ވަނީ ކުރީގެ ސަރުކާރު ތެކެކޭ އެއްގޮތަށް މި ސަރުކާރުގެވެސް މިސްރާބު ގޯސްވުމުން ކަމަށާ އެ ހަރަކާތުން މަސައްކަތް ކުރާނީ ރާއްޖެ އަކީ އަމިއްލަވަންތަ ދައުލަތެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ސިޔަސީ ޕާޓީތައް އުފެދުނުތާ 16 އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ހައްލުވެފައި ނުވާ ކަމަށާއި އަދި އެ ޕާޓީއަކީ ސިޔާސީ ގޮތުން ކުރި ހޯދާ ގައުމުގައި ހުރި ގޯސް ކަންކަން ރަނގަޅު ކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެ 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމި އިރު، 2023 ގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އުމަރު އަމިއްލައަށް މީގެ ކުރިންވެސް އިއުލާން ކުރައްވާފައި ވެއެވެ.