ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއަރާ ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.

ޑީއެންއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށެވެ.

އެހެންކަމުން އެ އިސްލާހު ވެފާވަނީ ދިވެހި ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ ބަދަލެއް ކަމަށް އެބަޔާނުގައި ބުނެއެވެ.

އޭގެ އިތުރުން އެއްވެސް ގާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުނުވާނޭ ގޮތަށް ކަމަށް ޑީއެންއޭ އިން ދެކޭ ކަމަށާއި އެ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި އެކަން ޑީއެންއޭ އިން ހަރު އަޑުން ކުށްވެރި ކުރާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް މި ހައްސާސީ ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރަކު ވަނީ މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހަދާފައިވާ ކަމަށާއި އެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިން ހުރިހާ މެންބަރުންނަށް ޑީއެންއޭގެ ފަރާތުން ވަނީ މަރުހަބާ ކިޔާފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ޕާޓީ އަށްވުރެ އިސްލާމް ދީނާއި ދިވެހި ގައުމު އިސްކޮށް، އަމިއްލަ އެދުމުން ބަރީއަވެ މަސައްކަތް ކުރުމުގައި ހުރިހާ ޕާޓީ ތަކެއްގެ ހުރިހާ މެންބަރުން ވެސް ދެމިތިބޭނެ ކަމުގެ އުއްމީދު ޑީއެންއޭ އިން ކުރާ ކަމަށެވެ.

އެގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ އެފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވީ ނަމަވެސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ދެކޭ ކަމަށް އެބަޔާނުގައި ބުނެއެވެ.

ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފާ ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް، އިތުރަށް ގައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލް އިންސާފަށް ބަލާއިރު ވަކި ބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ފާހަގަވެއެވެ. ހައްގު ލިބެން ވާނީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަމުގައި ގަބޫލުކުރަމެވެ. ނަމަވެސް އެ ހުށަހެޅިފައިވާ އިސްލާހުގައި ވަކި ބައެއްގެ ހައްގު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ހައްހުތަކުން މަހުރޫމު ކޮށްފައިކަން ފާހަގަކުރެވެއެވެ.
ޑީއެންއޭ

އެހެންކަމުން އެ ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީއެންއޭ އިން ވަނީ ގޮވާލާފައެވެ. އަދި ގާނޫނަށް ގެނެވޭ އެފަދަ ބަދަލުތައް ގެނެވެންވާނީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރީންނާ މަޝްވަރާ ކޮށް އެމީހުންގެ ލަފަޔާއި ރައުޔާ ހިލާފުނުވާނޭ ގޮތަށް ކަމަށް ދެކޭ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.