މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އަކީ ގައުމު މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕޭނުގެ ވާހަކައެވެ. އެ ކެމްޕޭނަށް ގިނަ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދިން އިރު މިއީ 2023ގައި އޮންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ހިންގާ ކެމްޕޭނުގެ ބޮޅެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސަބަބެއް ވެސް ނެތިއެއް ނޫނެވެ. 2008 އިން ފެށިގެން ޑިމޮކްރަސީ އުފަން ވެގެން، ކޮންމެ ވެރިކަމެއް އައިސްފައި ވަނީ ކޯލިޝަނަކާ އެކުގައި ކަމަށް ވުމެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ފުރޮޅާލަން ކޯލިޝަން އުފަން ކުރި ފަހުން އެއްވެސް ޕާޓީއަކަށް އެކަނިމާ އެކަނި ވެރިކަމަށް އާދެވިފައި ނުވާއިރު ޕީޕީއެމް އިން ކުރަމުން އެ ދަނީ 2023 އަށް ކޯލިޝަން "ދޮން ކުރުމުގެ" މަސައްކަތެވެ.

ޕީޕީއެމްގެ ޕޮޓެންޝަލް ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނު ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް، 2023ގެ އިންތިހާބަށް ވާއިރަށް މިނިވަން ވާނެކަމުގެ ޔަގީން ކަމާއެކު ޕީޕީއެމުންގެ މިސްރާބު އެ ހުރީ 2023 އަށް "ބޮނޑިބަންނަން" އެވެ.

މިއަދުގެ ސިޔާސީ ހަގީގަތް

މިއަދުގެ ސިޔާސީ ހަގީގަތަކީ، ވެރިކަން ކުރާ އެމްޑީޕީ ފިޔަވައި ގައުމުގައި މެޖޯރިޓީ ވިސްނުމަކީ ޕްރޮގްރެސިވް ވިސްނުމެއް ކަމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި "ކިތަންވެ ވަރަށް ކެޔަސް" ތަރައްގީ ކުރި ވާހަކަ ގިނަ ބަޔަކު ދައްކައެވެ. އަދި "އެންމެންވެސް ކާނެ" ކަމަށާއި މިހާރުގެ ސަރުކާރުގައި ތިބި މީހުން "ކާ އިރު" ނަތީޖާއެއް ނުނެރެވޭ ވާހަކައެވެ.

ވެރިކަން ކުރާ އެމްޑީޕީއާ ކޯލިޝަން ހަދައިގެން ތިބި ބައިވެރިންވެސް މަޑުމަޑުން "އަނގަ ފަޅާ، ހައްގު މިންވަރު ނުލިބޭ ކަމަށް" ބުނަން ފަށައިފިއެވެ. އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއެކު ސިޔާސީ މަސްރަހު ނުތަނަވަސްވެފައި ވާ މި ދަނޑިވަޅުގެ ބޭނުން ކޯލިޝަން ޕާޓުނަރުން ހިފަނީ، ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. "ހައްގު މިންވަރޭ" ކިޔައިގެން ދައްކާ ވާހަކައިގެ މެސެޖަކީ، ރައީސް ސޯލިހުގެ ސަރުކާރުން އެ ޕާޓީތަކަށް ބޭނުންހާ ކަމެއް ކޮށްނުދޭ ކަމަށް ދައްކާ "ފޫ ކަހަން މަގުފަހި ކުރުން" ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޕާޓީގެ ޓިކެޓްގެ މައްސަލައިގައި އެމްޑީޕީ ދެބައިވެފައި ވާ މި ދަނޑިވަޅުގައި ކޯލިޝަން ޕާޓުނަރުންގެ އިތުރުން، އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުންވެސް ގެންދަނީ ރައީސް ސޯލިހަށް ޕްރެޝަރު ބޮޑު ކުރަމުންނެވެ.

ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---

ޕާޓީތެރޭގައި އެއްބަޔަކު އަނެއްބަޔު ގެންދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ފަދަ ބޭފުޅުން އެއް ޓީމަކަށް ކުޅުއްވާއިރު އެބޭފުޅުންގެ އަޑުވެސް ގަދައެވެ. ސީދާ ފާޅުގައި ސަރުކާރަށް ފާޑުވެސް ވިދާޅުވެއެވެ. މިއަދު ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ އަދި ރައީސް ނަޝީދުގެ "ކުޑައިރުގެ ދޯސްތް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވިޔަސް ދުލެއް ނުދެއްވައެވެ. ސަރުކާރުގެ ސްލޯ ކަމާއި ކަމެއް ނުކުރެވޭ ވާހަކަ އެހެން ބައެއް މެންބަރުންނެކޭ އެއް ބީދައަކުން މަޖިީހުގެ ތަޅުމުގައިވެސް ދައްކައެވެ.

އެމްޑީޕީގެ މަސައްކަތްތައް ދެބައިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީ ވެސް އެކަހެރިކޮށް، (ރައީސް ސޯލިހު) ސަރުކާރު ހިންގަން އުޅުއްވުމުން ކަމަށް އިދިކޮޅުން ބުނެ، އެ މީހުންވެސް ގެންދަނީ "އަނދަމުން ދާ އަލިފާންގަނޑަށް ދަރު އަޅަމުން" ނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް / ފޮޓޯ: ސިމްވާ

ނަތީޖާއަކީ 2023 ގެ އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ ދެ ކެންޑިޑޭޓުން ނުކުތުން ކަމަށް ވެދާނެއެވެ. އެއްބޭފުޅަކީ ރައީސް ނަޝީދެވެ. ދެން ރައީސް ސޯލިހެވެ. ޕާޓީގެ އަސާސީ އޮންނަ ގޮތުން ޕާޓީ ތަމްސީލު ކުރެވޭނީ ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ކަމަށް ވިޔަސް، އެމްޑީޕީއަށް ނިސްބަތްވާ، ޕާޓީއާ ނުބެހޭ ޓިކެޓެއްގައި ވާދަ ކުރުމުގެ ފުރުސަތު ނުގެއްލެއެވެ.

ދެން އުފެދޭ ސުވާލަކީ، އެމްޑީޕީ ދެބައިވެފައި އޮތުމުން އެންމެން ގުޅޭނީ ޕީޕީއެމްއާތޯ ކުރެވޭ ސުވާލެވެ.؟ މިވަގުތައް ބަލާނަމަ މިސުވާލަށް ދެވެން އޮތް ޖަވާބަކީ ނޫނެކޭ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެއީ ޕާޓީތަކުން އިދިކޮޅު ކޯލިޝަންގެ ކެމްޕޭނުގައި ބައިވެރިވާން ދެކޮޅު ހެދުމުންނެވެ.

ޕީޕީއެމްއިން ދިން ދައުވަތައް ޕާޓީތަކުން ދެކޮޅު

މިނިވަންކަމުގެ ދިފާއުގައި ދިވެހީން ގެ ނަމުގައި ފެށި އެ ކެމްޕޭނާ ގުޅުމަށް ރަސްމީކޮށް ދައުވަތު ފޮނުވާފައި ވަނީ އެމްއާރްއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށެވެ.

މިދިޔަ ޖުލައި މަހު 30 ވަނަ ދުވަހުގެ ރޭ ފެށި އެ ކެމްޕޭނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާއު ކުރުމުގެ ނަމުގައި ރައީސް ޔާމީންގެ ލަފާފުޅާއެކު ފެށި ކެމްޕޭނެއް ކަމަށް ޕީޕީއެމް އިން ބުނެއެވެ.

މިނިވަންކަމުގެ ދިފާއުގައި-ދިވެހީން ގެ ނަމުގައި ޕީޕީއެމް އިން ގައުމީ ކެމްޕިއަނެއް ފަށައިފި

އެ ޕާޓީން ފެށި އެ ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ކެމްޕޭން ފެށި ރޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދައުވަތު ދެއްވިއެވެ. އޭގެ އިތުރުން ޑީއެންއޭ ގެ ބާނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފައުންޑަރު ދަނގެތީ ދާއިރާގެ މުހައްމަދު ނާޒިމް އަށްވެސް އެރޭ ދައުވަތު ދެއްވިއެވެ.

ޕީޕީއެމްގެ އެ ކެމްޕޭން ހަރަކާތް ބާރަށް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، އަބްދުއްރަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ޕީޕީއެމްގެ އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

ޕީޕީއެމްގެ ކެމްޕޭނުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލުމުން އެ ކެމްޕޭނުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ގިނަ ޕާޓީތަކުން ވަނީ ބުނެފައެވެ. އެމްއާރްއެމުން ބުނީ އެ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށާއި އެ ކޯލިޝަނުން ވަކިވެ، ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދު ނުކުރާނެ ކަމަށެވެ. އަދި އެ ފަދަ ކަމެއްގައި އެމްއާރުއެމް އިން ބައިވެރިވާން ބޭނުން ނުވާކަމަށް ވެސް އެޕާޓީން ބުނެއެވެ.

ޖޭޕީއާއި އޭޕީން ވަނީ އެކަމުގެ ޝައުގުވެރިކަން ނެތްކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކާފައެވެ. ހަމައެއާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްގެ ހާލަތުން ކިރިޔާ އަރައިގަނެވޭ ހިސާބަށް ދިއުމާއެކު ސިޔާސީ ކަންކަން ފަށަން އަދި މާ އަވަސް ކަމަށެވެ.

އެގޮތުން އަދާލަތުން ބުނީ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށާއި އިދިކޮޅުގެ ދައުވަތު ގަބޫލުނުކުރާ ކަމަށެވެ.

އުމަރު ނަސީރުވެސް ވަނީ އެ ކޭމްޕޭނުގައި ބައިވެވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެމްއެންޕީގެ ލީދަރު ނާޒިމާއި، ރައީސް ސޯލިހާއި ނަޝީދު އެއްވެސް އެއްޗެއް ވިދާޅު ނުވާ އިރު، ޕާޓިތަކުގެ ލީޑަރުން ތިއްބެވީ 2023 އާ ހަމައަށް ރައީސް ސޯލިހަށް ވަގުތު ދެއްވައިގެންނެވެ.

ދެން ވާނީ ކިހިނެތް؟

މިއީ ވަރަށް ބޮޑު ސުވާލެކެވެ. 2023 އިންތާހަބަށް ވާއިރަށް ޕާޓީތައް އެކި ދިމަދިމާއަށް، އެބަޔަކަށް މަސްލަހަތު އޮންނަ ގޮތަކަށް ދީލާލާނެ ކަމީ ޔަގީން ކަމެކެވެ. ހާއްސަކޮށް ރައީސް ސޯލިހާއި ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅު ނަމަ އެމްޑީޕީ ދެބައިވާނެ ކަމީ ޔަގީން ކަމެކެވެ. ސޯލިހު ދެވަނަ ދައުރަކަށް ވަޑައިގަންނަވަން ބޭނުންފުޅުނަމަ އެހެން ޕާޓީތަކާ ގުޅިވަޑައިގެން ކޯލިޝަނަކަށް ވަޑައިގަތުން ނޫން ހައްލެއް އަމުދުން ނޯންނާނެއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރައީސް ސޯލިހު ވެކްސިން ކެމްޕޭން ފައްޓަވާފައި ވަނީ 2023 ގެ އިންތިހާބަށް ތައްޔާރު ވެވަޑައިގަތުމުގެ ގޮތުންނެވެ. މި ކެމްޕޭނުގައި އެމްޑީޕީއާއި އެހެން ޕާޓީތަކުގެ ބައިވެރިވުން ބޮޑަށް އޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެމްޑީޕީއަކީ ވެކްސިން ޖެހުމަށް ފެށުނީންސުރެ ބާރުއަޅަމުން އަންނަ ޕާޓީއެއް ކަމަށާއި ވެކްސިން ޖެހުމަށް ރާއްޖޭގެ ހުރިހާ ޕާޓީތަކުން ވެސް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ރައީސް ސޯލިހު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވަނީ / ފޮޓޯ: ރައީސް އޮފީސް

ވެކްސިން ކެމްޕޭނުގެ ނަތީޖާއަކީ ރައީސް ސޯލިހަށް ހެޔޮފާލެކެވެ. ގައުމު މިއޮތް ބަލި މަޑުކަމުގައި އެންމެން ވެކްސިން ޖަހައިގެން ނުކުންނަ ހެޔޮ ނަތީޖާއަކީ ރައީސް ސޯލިހަށް "ހެޔޮ ފާހަގަ" އެކެވެ. 2008 އިން ފެށިގެން އައި އެއްވެސް ވެރިކަމެއްގައި ހިފަހައްޓާ ނުލެވުނު ކޯލިޝަން ވެރިކަން ރައީސް ސޯލިހު ހިފަހައްޓަވާ ކަމީވެސް އިތުރު "ޕްލަސް ޕޮއިންޓެއް" އެވެ.

ރައީސް ސޯލިހަށް އެމްޑީޕީގެ ޓިކެޓް ނުލިބުނަސް ރައީސް ސޯލިހަށް ޓިކެޓް ދޭނެ ޕާޓީތައް އެބަހުއްޓެވެ. ރައީސް ސޯލިހުގެ ކޯލިޝަން ގެރެންޓީއާއެކު ކޯލިޝަން ހަދާނެ ޕާޓީތައްވެސް އެބަހުއްޓެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިހާރު އުފެއްދުމަށް މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ވެސް ރައީސް ސޯލިހުގެ "ބެކަޕް ޕްލޭން" އެކެވެ.

ދައުރުގެ މިހާތަނަށް އައި އިރު "ސްލޯ" ކަމުން ކަމެއް ނުކުރެވޭ ކަމަށް ބަޔަކު ބުންޏަސް "ފަހު ހާފުގައި" މޮޅަށް ކުޅެ ނަތީޖާ ނެރޭނެ ކަމަށް އެ ޕާޓީތަކުން ބުނެއެވެ. ރައީސް ސޯލިގެ ސަރުކާރުގެ މަސައްކަތްތައް ރަނގަޅު ކަމަށާއި "ސްލޯ" ނޫން ކަމަށް ބުނާ ޕާޓީތަކުގެ ތެރޭގައި ކޯލިޝަން ޕާޓުނަރުންނާއި ސިޔާސީ ބައެއް ފަރާތްތައް ހިމެނެއެވެ. ނަމަވެސް މިހާ ހިސާބަށް އައި އިރު ތާރީހަކަށް ފަހު ތާރީހެއް ދިނުން ފިޔަވާ ކުރެވުނު މާ ބޮޑު ކަމެއް ނެތް ކަމަށް ބުނާ އަޑު ގަދަވަމުން ގޮސް ހާފު ނިމޭ އިރު ވިސްނުމަކަށް ވާނީ "ޕްރޮގްރެސިވް" ވިސްނުމެއް ކަމަށް ބެލެވެއެވެ.