ނަފްރަތުގެ ބިލް ފަރުމާކޮށްފާ އޮތް ގޮތުން އާންމު ރައްޔިތަކުވެސް ކުށްވެރިވެދާނެ ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.

ޑީއެންއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ނަފްރަތުގެ ބިލް މިހާރު ފަރުމާކޮށްފައި އޮތް ގޮތުން ދީނީ އިލްމުވެރިޔަކު އަދި އާންމު ރައްޔިތަކުވެސް ކުށްވެރިވެދާނެ ދެ ހާދިސާއެއް ހިއްސާކޮށްފައެވެ.

އެގޮތުން ފުރަތަމަ ހާދިސާގައި (ހަރުކަށި) ދީނީ ކަންކަން އޮޅުން ނުފިލާ ތިބި ބަޔަކު، އަމިއްލައަށް ކައިވެނިކޮށްގެން ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް، ހުކުރުކޮށް އުޅެމުންދާ ހާލަތެއްގައި، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް، ދީނީ އިލްމުވެރިޔަކު އެ ބައެއްގެ ކައިރިއަށް ގޮސް އެމީހުންނަށް އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތް އޮޅުންފިލުވައި ދިނުމަށް އެ ބަޔަކު އެއްކޮށްފައި ދީނީ ނަސޭހަތް ދިނުމުގެ ތެރޭގައި، އެތަނުން މީހަކަށް ނިސްބަތްކޮށް "ތިބާއަށް ތިޔަ އުޅެވެނީ އިސްލާމް ދީނާ ހިލާފަށް" ކަމަށް ބުނެފި ނަމަ އެ ދީނީ އިލްމުވެރިޔާ މި ބިލްގެ 124 ވަނަ މާއްދާގެ (ހ) ގެ (1)ގެ ދަށުން ކުށްވެރިވާނެ ކަމަށެވެ.

އެބުނި ބުނުން ވާނީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ކަމަށް އެބަޔާނުގައި ބުނެއެވެ.

ދެވަނަ ހާދިސާގެ ގޮތުގައި ބުނީ (މަޑުކަށި) ދީނީ ކަންކަމަށް ބެލުމެއްނެތި ދިރިއުޅޭ ބަޔަކު، ކައިވެނިނުކޮށް އެއް ތަނެއްގައި ނިދާ، އެއްޖިންސުން ގުޅުން ހިންގާ، ބަނގުރާ ކައްކައިގެން ބޮއި، މަސްތުގެ ހާލުގައި އުޅެނިކޮށް، ދިނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް ދީނީ އިލްމުވެރިޔަކު، އެ ބަޔެއްގެ ކައިރިއަށް ގޮސް އެމީހުންނަށް ދީނުގައި ކަންކަން އޮންނަ ގޮތް އޮޅުންފިލުވައި ދިނުމަށް ދީނީ ނަސޭހަތް ދިނުމުގެ ތެރޭގައި، އެތަނުން މީހަކަށް ނިސްބަތް ކޮށް "ތިބާއަށް ތިޔަ އުޅެވެނީ އިސްލާމް ދީނާ ހިލާފަށް" ކަމަށް ބުނެފި ނަމަ އެ ދީނީ އިލްމުވެރިޔާ މި ބިލްގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ކުށްވެރިވާނެ ކަމަށެވެ.

އަދި އެބުނި ބުނުން ވެސް ވާނީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ކަމަށް އެބަޔާނުގައި ބުނެއެވެ.

މުޖުތަމައެއް ބިނާކުރުމަށްޓަކައި އިސްލާމް ދީނުގައި އެންމެ ބާރު އަޅާ އަންގަވައިފައިވާ އެއްކަމަކީ ހެޔޮ ކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް ނަހީކުރުމުގެ މަފްހޫމެވެ. މި ކަން ކުރުމަށް އެންމެންގެ މައްޗަށް އަމުރު ކުރައްވާފައިވެއެވެ. ވަކިން ޚާއްސަކޮށް ދީނީ އިލްމު ވެރިންނަށެވެ. އެ ފަދަ އިލްމު ވެރިންނަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މި ބިލް ފަރުމާ ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ޑީއެންއޭ

އެ ބިލް މި ގޮތަށް ފާސްވެއްޖެ ނަމަ ދީނީ އިލްމުވެރިންނަށާ، އަދި މުޖްތަމައުގެ ތެރޭގައި ތިބި ހެޔޮލަފާ މީހުން، އެހެން މީހުންނަށް ހެޔޮމަގު ދައްކާ، ނުބައި މަގުން ދުރުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އުޅޭނެ ކަމަށް ޑީއެންއޭއިން ބުނެއެވެ.

ދިވެހި ހަރު ބަހެއްގައި އޮވެއެވެ. "ހަލާ ދަނޑީގެ ދެކޮޅު ބަލާށެވެ." މި ބިލްގެ ސަބަބުން ދީނަށް ފުރައްސާރަކޮށް އުޅޭ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ހިނގައިދާނެއެވެ. އަދި ދީން އޮޅުންނުފިލާ ތިބި ބަޔަކު އެ މަގުގައި އިތުރަށް ބާރުވެރިވެސް ވެދާނެއެވެ. މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން، އެކިއެކި ވަނަން ހަދައިގެން ގޮވާ، ދިމާކޮށް ހެދުމަކީ އެއްވެސް މުޖްތަމައެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާ ކުރައްވާފައިވާ ކަންކަމެވެ.
ޑީއެންއޭ

މީގެ ކުރިން ޑީއެންއޭއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާ ފުށުއަރާ އިސްލާހެއް ކަމަށެވެ.

އަދި އެ ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީއެންއޭ އިން ވަނީ ގޮވާލާފައެވެ.