މާލޭ ސިޓީ ކައުންސިލުން އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދޫކުރި ބިމެއް ސްޓެލްކޯއަށް ނޭނގި ހުސްކުރި މައްސަލައެއް ސްޓެލްކޯއިން ފެންމަތި ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯ އަށް ދޫކޮށްފައި ވަނީ ސްޓެލްކޯގެ ބެކްއަޕް ޕަވާޕްލާންޓެއް އެޅުމަށް އިންޑަސްޓްރިއަލް ވިލެޖްގެ މެރީ ބްރައުން ރެސްޓޯރަންޓް ކުރިމައްޗަށް ވާގޮތަށް އޮންނަ ހުސް ބިމެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބަންދު ތެރޭގައި އެ ބިން އެއްވެސް އެންގުމަކާ ނުލާ ސިޓީ ކައުންސިލުން ހުސްކޮށްފައިވާ ކަމަށާއި އަދި އެތަނުގައި ޖަހާފައި ހުރި ފެންސުތަކާއި ޓިނުތައް ނަގާ، އެ އެއްޗެހި ބޭނުންކޮށްގެން އެ ބިމާ ޖެހިގެން އޮތް ބިމުގައި ފެންސް ޖަހާފައި ވާ ކަމަށެވެ.
ސްޓެލްކޯއަށް ސިޓީ ކައުންސިލުން ދޫކުރި ބިން ރައްކާތެރި ކުރުމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދު ކޮށްފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ބިމަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ބިމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަބް ސްޓޭޝަނެއްގެ އިތުރުން 10 މެގަވޯލްޓްގެ ބެޓެރީ އެއްވެސް އެބިމުގައި ގާއިމު ކުރަން ވިސްނާފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ މިހާރު ފުލުހަށް ހުށައަޅާފައި ވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އަދި ފުލުހުންގެ ފަރާތުން ވަކި ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން މަލެ ސިޓީ ކައުންސިލުން އަދި ކޮމެންޓެއް ނުކުރެއެވެ.