ސިވިލް ކޯޓުގައި ރިހިވެލި ރިސޯޓުގެ މައްސަލަ ކުރިއަށް ދަނިކޮށް އަލުން އެ ރިސޯޓް ހުޅުވުމަށް ފްރާންސްގެ އޮޕަރޭޓަރުންނަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފިއެވެ.

އެ ރިސޯޓު ހުޅުވަން ޓޫރިޒަމް މިނިސްތްރީން ހުއްދަ ދިނީ ރިހިވެލި ދަ ޑްރީމް ރިސޯޓު ހިންގާ ފްރާންސްގެ "ސޭވް ދަ ޑްރީމް" ކުންފުނީގެ ހައްގު ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ވަގުތީ ކޯޓު އަމުރަށް ހައި ކޯޓުން ތާއީދު ކުރުމާ ގުޅިގެންނެވެ. ސިވިލް ކޯޓުން ވަގުތީ ކޯޓު އަމުރެއް ނެރެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 4 ވަނަ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑެޕިއުޓީ އެމްޑީ މރ. ކްރިސްޓިއަން ކަލްބަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރިސޯޓު އަލުން ހުޅުވުމުގެ އުސޫލުތަކަށާއި، ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރިހިވެލި ރިސޯޓު އަލުން ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ރިސޯޓުގެ ވެރިފަރާތް ކަމުގައި ވާ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ސޭވް ދަ ޑްރީމް މޯލްޑިވްސްއާއެކު ފެބްރުއަރީ 15، 2018 ގައި އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމައަށް ރިހިވެލި އައިލެންޑް ރިސޯޓް ކުއްޔަށް ދިނުމަށެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ސެޕްޓެމްބަރު 14، 2020 ގައި އެއްބަސްވުން ބާތިލު ކޮށް، މާހަލް ޓުއާސް އިން ވަނީ ޓާމިނޭޝަން ނޯޓިސް ފޮނުވާފައެވެ.

އެ ޓޭމިނޭޝަން ނޯޓިސް ބާތިލު ކުރުމަށް އެދި ސިވިލް ކޯޓަށް، ފްރާންސްގެ "ސޭވް ދަ ޑްރީމް" ކުންފުނިން ހުށަހަޅާފައިވާ މައްސަލަ ސިވިލް ކޯޓުގައި ދަނީ ކުރިއަށެވެ.

މި މައްސަލާގައި މާހަލް ޓުއާސްއިން ވަނީ އެމައްސަލަ އަކީ އިޖުރާއި ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ސިވިލް ކޯޓުގައި އިޖުރާއީ ނުކުތާއެއް ވެސް ނަގާފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވާނީ އެމައްސަލަ އަކީ ބެލޭނެ މައްސަލައެއް ކަމަށެވެ.