ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލު ހޯދުމަށް ހުޅުވާލާފައި ދޮރަކީ، ތާ އަބަދަށް އެގޮތުގައި ހުޅުވާފައި ހުންނާނެ ދޮރެއް ނޫން ކަމުގެ އިންޒާރު، އީރާންގެ އާ ރައީސް، އިބްރާހީމް ރައީސީއަށް، އެމެރިކާއިން ދީފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރެއްވި ރައީސީއަށް އިންޒާރު ދެމުން އެމެރިކާއިން ވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި ބައިނަލްއަގުވާމީ ފެންވަރުގައި 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމާ ގުޅާ މަޝްވަރާތަކަށް އީރާން އަލުން ރުޖޫއަ ވުމަށް ގޮވާލާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 6 ގައުމާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުން ހުއްޓުމަކަށް އައިސް، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓުނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޒައާމަތުގައި، 2018 ވަނަ އަހަރު، އެމެރިކާއިން އެ އެއްބަސްވުން ދޫކޮށްލާ، އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ހިސާބުންނެވެ.

އެމެރިކާގެ ފިއްތުންތަކާއެކު އީރާނުންވެސް މި އެއްބަސްވުމާ ދުރަށް ޖެހިފައި ވާ އިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އީރާނާއެކު މަޝްވަރާކޮށްގެން އެއްބަސްވުން އިޔާދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އީރާންގެ ރިޔާސީ އިންތިހާބު ވަކި ގޮތަކަށް ހަމަޖެހެންދެން، މިމަޝްވަރާތައް މެދުކަނޑާލީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު، ނެޑް ޕްރައިސް ވިދާޅުވީ، ރައީސީއަށް ވެސް އެމެރިކާއިން ދޭން އޮތީ، އޭގެ ކުރީގެ ރައީސުންނަށް އެމެރިކާއިން ދެންނެވި މެސެޖު ކަމަށެވެ. އެގޮތުން އެމެރިކާއަކީ އެ ގައުމާއި އެ ގައުމުގެ ބައިވެރިންގެ ގައުމީ ސަލާމަތާ މަސްލަހަތު ހިމާޔަތްކޮށް، ދިފާއު ކުރުމުގައި ދެމި އޮންނާނެ ގައުމެއް ކަމަށް ޕްރައިސް ވިދާޅުވިއެވެ.

މި ފުރުސަތުގެ ބޭނުން ހިފާ، ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލު ހޯދުމަށް އީރާނުން އުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޕްރައިސް ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 60 އަހަރުގެ ރައީސީ ވަނީ، ބިނާކުރަނިވި އަދި ޑިޕްލޮމެޓިކް އިމުގެ ތެރެއިން ދުނިޔެއާއި ގުޅުންތައް ބަދަހި ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އަވަށްޓެރިންނާ ގުޅުން ބަދަހި ކުރުމަކީ، އެނާގެ ހާރިޖީ ސިޔާސަތުގެ އެންމެ ކުރީގައި އޮތް ނުކުތާ ކަމަށްވެސް ރައީސީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ބައިވެރިންގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އިޒްރޭލާ އީރާނާ ދެމެދު، ސަރަހައްދީ ފެންވަރުގައި، ދޭތެރެ ދޭތެރެއިން ކޯޅުންގަނޑުތައް އުފެދެއެވެ. މި ދަނޑިވަޅަކީވެސް، އިޒްރޭލުގެ ތެޔޮ ޓޭންކަރަކަށް އީރާނުން ކަނޑުމަގުން ހަމަލާ ދިން ކަމުގެ ތުހުމަތު، އެމެރިކާއާއި އިޒްރޭލުގެ ސަޕޯޓަރުން، އީރާނަށް އަމާޒު ކުރަމުން ދާ ދަނޑިވަޅެކެވެ.